ޓީރެކްސްގެ ކެޕްޓަން ހުސެއިން ހަލީމަށް އަނިޔާވެ ޤައުމީ ބާސްކެޓް ލީގުގެ ބާކީ ބައިގައި ކުޅުމުގެ ފުރުޞަތު ގެއްލިއްޖެއެވެ.
ހުސެއިން ހަލީމަށް އަނިޔާވީ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގައި ކިންގްސް ބާސްކެޓްބޯޅަ ކުލަބާއި ޓީރެކްސް ބާސްކެޓްބޯޅަ ކްލަބް ވާދަކުރި މެޗުގެ އެންމެ ފަހު ކުއާޓާގެ ފަސް ވަނަ މިނެޓުގައެވެ. ކިންގްސް ޑެކޯރޭ ޖޯންސްގެ ބޯޅަ ޑިފެންކުރަން އުޅުމުގެ ތެރޭގައި ވެއްޓި ލިބުނު ސީރިއަސް އަނިޔާއާވަގުތުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހުސެއިން ހަލީމަށް އަނިޔާވުމާއެކު ބާސްކެޓު ކޯޓުން ފެނުނީ ކުޅިވަރުގެ ރީތި ނަމޫނާއެކެވެ. އެގޮތުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހުސެއިން ހަލީމަށް ފަރުވާ ދިނުމަށް އަވަސްވެގެންފައެވެ. އަދި އެންބިއުލާންސް ގެނެސް އޭނާ ފޮނުވީވެސް ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު ބަލަން އައިސްތިބި ސަޕޯޓަރުންގެ އެހީތެރިކަމާއެކުގައެވެ.
ހަލީމަށް އަނިޔާވި ވަގުތު ހިނގައިދިޔަ ކަންތައްތައް ސިފަކުރައްވަމުން މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް އޭނާގެ ފޭސްބުކްގައި ލިޔެފައިވަނީ ހުސެއިން ހަލީމު ވެއްޓި އަނިޔާވި ވަގުތު ވާދަވެރިކަން މަޑު ޖައްސާލައި އޭނާ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާއެއް ދިނުމަށް މުޅި ބާސްކެޓް އާއިލާ އެއްކޮށް އެހީވެފައިވާކަމަށެވެ.
އަދި އޭނާ އެންބިއުލާންސަށް އަރުވަން ގެންދިޔަ ވަގުތު އެންމެން ހިތްވަރު ދިންކަން އެމްބީއޭގެ ރައީސް ފާހަގަކުރެއްވިއެވެ.
ހުސެއިން ހަލީމަށް މިވަގުތު ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ. އޭނާއަށް ހެޔޮދުއާގެ މެސެޖުތައް މުޅި ކުޅިވަރުގެ އާއިލާއިން ދަނީ ފޯރުކޮށްދެމުންނެވެ.
ޓީރެކްސްގެ ބާސްކެޓް ބޯޅަ ކުލަބުން ޕީއެސްއެމް ސްޕޯޓްއަށް މަޢުލޫމާތު ދެމުން ކޯޗު ޢަލީ ފަޒްލީ ޑޮކްޓަރުންނާ ޙަވާލާދީ ބުނީ މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުން ދައްކާގޮތުން ހުސެއިންގެ ކަނދުރާގެ ޑިސްކެއްގައި ރެނދުލާފައިވާކަމަށެވެ. އަދި ހުސެއިންއަށް ލިބިފައިވާ އިތުރު އަނިޔާތައް ދެނެގަތުމަށް އިތުރު ޓެސްޓްތަކެއް އޭޑީކޭ ހޮސްޕިޓަލުން ހަދަމުން އަންނަކަމަށެވެ.
ކޯޗު އިތުރަށް ބުނެފައިވަނީ ހުސެއިން ހަލީމާއި އެއް ފެންވަރަށް ކުޅެވޭނެ ކުޅުންތެރިއެއް ނެތްކަމަށާއި، އޭނާ ނެތްތަން ޓީރެކްސްއަށް މުބާރާތުގެ ކުރިޔަށް ހުރި މެޗުތަކުގައި ފެންނާނެކަމަށެވެ. އަދި ލީގު ދެން ކުރިއަށް ކުޅޭ ކޮންމެ މެޗެއް ޓީރެކްސްއިން ކުޅޭނީ ކެޕްޓަން ހުސެއިން ހަލީމަށްޓަކައި ކަމަށް ކޯޗު ބުންޏެވެ.