ކުޅިވަރު

ވިޔަރެއާލް އާއި ޔުވެންޓަސް ބައްދަލުކުރިމެޗް އެއްވަރު


ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ފުރަތަމަ ލެގްގައި ވިޔަރެއާލް އާއި ޔުވެންޓަސް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ.
ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ އެއްވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ޔުވެންޓަސްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޑުސާން ވްލަހޮވިޗެވެ. މިލަނޑު ވެފައިވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ޖެހި އެންމެ އަވަސް ޑޭބިއު ގޯލަށެވެ. މިމެޗްގައި ވިޔަރެއާލްއިން އެއްވަރު ކުރި ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖެހީ ޕަރޭހޯއެވެ.

މިސީޒަންގައި އަވޭ ގޯލް ރޫލް ބޭނުން ނުކުރާގޮތަށް ނިންމާފައިވުމުން ދެވަނަ ލެގަށް މީގެ ތިން ހަފްތާ ފަހުން ޔުވެންޓަސްގެ ދަނޑުގައި ބައްދަލުކުރާއިރު މިދެޓީމްވެސް އުޅެނީ ޕޮއިންޓުގެ ގޮތުން އެއްހަމައެއްގައެވެ. އަދި އަވޭ ގޯލް އެޑްވާންޓޭޖެއް ޔުވެންޓަސްއަކަށް ނޯންނާނެއެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ކުޅުމުގެ އެޑްވާންޓޭޖް އެޓީމަށް އޮންނާނެއެވެ.