ދުނިޔެ

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު މިއަހަރު ކުރާ ވިޔަފާރި އިތުރުވާނެ


އިންޑިއާގެ އުތުރުން އެޤައުމާއި ޕާކިސްތާނާ ގުޅޭ
ސަރަޙައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލްގައި ސްކޭން ކުރާ ނިޒާމެއް ޤާއިމުކުރުމަކީ
މިއަހަރު ޕާކިސްތާނާ އިންޑިއާއާ ދެމެދު ކުރާ ވިޔަފާރި އިތުރުވެގެންދާނެ ކަމެއް
ކަމަށް އިންޑިއާގެ މަސްއޫލުވެރިން ހާމަކުރައްވާފައެވެ.



އިންޑިއާގެ ޕޫންޗް ޑިސްޓްރިކްޓްގެ އެސިސްޓަންޓް ކޮމިޝަނަރ
ޝާފިޤް އަހްމަދު ވިދާޅުވީ އިންޑިއާއާ ޕާކިސްތާނު ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް
ދުވާލެއްގެ މައްޗަށް 30 އުޅަނދު ދަތުރުކުރާ ކަމަށާ މިޢަދަދު އިތުރު ނުކުރެވެނީ
އުޅަނދުތައް ބަލާ ފާސްކުރަން ޖެހޭތީ ކަމަށެވެ. 



އެހެން ނަމަވެސް، ލައިން އޮފް ކޮންޓްރޯލުގައި
ސްކޭނަރ އެއް ބެހެއްޓުމާއެކު ދުވާލެއްގެ މައްޗަށް 200 އެއްހާ އުޅަނދަށް ބޯޑަރު
ހުރަސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.



އިންޑިއާ ޕާކިސްތާނު ގުޅޭ ސަރަޙައްދީ ރޮނގު
ހުރަސްކޮށް ދެޤައުމުން ވިޔަފާރި ކުރަން ފެށީ 2008 ވަނަ އަހަރުއެވެ.



އެއަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ޑިސެމްބަރު
މަހުގެ ނިޔަލަށް ދެޤައުމުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް
ހިންގި ވިޔަފާރީގެ އަގު ވަނީ 164.27 މިލިއަން ޑޮލަރަށް އަރާފައެވެ.