ޚަބަރު

ކަރްނާޓަކާގެ ހިޖާބު މައްސަލަ އިންޑިޔާގެ ދާޚިލީ ވަޒީރު ދިފާޢުކުރައްވައިފި


ދީނީ ހެދުމަކަށްވުރެ ރަނގަޅީ ޔުނިފޯމުގައި ދަރިވަރުން މަދަރުސާއަށް ދިޔުންކަމަށް ވިދާޅުވެ އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނާޓަކާ ސުޓޭޓުގައި އުފެދިފައިވާ ހިޖާބުގެ މައްސަލަ ދިފާޢުކުރައްވައި އެ ޤައުމުގެ ދާޚިލީ ވަޒީރު އަމިތު ޝާހް ވާހަކަދައްކަވައިފިއެވެ.

ކަރްނާޓަކާގެ ބައެއް މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅު ހެދުމުން އުފެދިފައިވާ ނުތަނަވަސްކަމާއި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ބަންދުކުރި އެ ސުޓޭޓުގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތައް ހަފުތާއެއް ފަހުން އަލުންވަނީ ހުޅުވައިފައެވެ. ކަރްނާޓަކާގެ މަދަރުސާތަކަށް ބައެއް ދަރިވަރުން ޙާޒިރުވެފައިވަނީ ހިހާބު އަޅައިގެންނެވެ. ނަމަވެސް މަދަރުސާތަކަށް ދަރިވަރުންނާއި މުދައްރިސުން ވައްދަނީ ހިޖާބު ނެގުމުންނެވެ. ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަޅައިގެން ނުވަދެވޭނެކަމަށް ނިންމުމުން އެ ސުޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހުންނަ ސަރަޙައްދީ ހައި ކޯޓަށް ހުށަހެޅި މައްސަލައެއްވަނީ ބަލައިގަނެފައެވެ. ނަމަވެސް އެ މައްސަލާގައި ޙުކުމު އިއްވާނެ ތާރީޚެއް އަދި ނޭނގެއެވެ.

އިންޑިޔާގެ އެންމެ ނުފޫޒުގަދަ ވަޒީރުކަމަށްވާ އަމިތު ޝާހް ވިދާޅުވީ ހިޖާބުގެ މައްސަލާގައި ކޯޓުން ނިންމައި ކޮންމެ ނިންމުމެއްވެސް ބަލައިގަންނަވާނެކަމަށެވެ. ނަމަވެސް އޭނާއަށް އެންމެ ރަނގަޅު ގޮތަކީ ދީނީ ހެދުމެއްގެ ބަދަލުގައި ޔުނިފޯމުގައި ދަރިވަރުން މަދަރުސާއަށް ދިޔުންކަމަށާއި އެއީ ވަކި ދީނަކަށް ނިޞްބަތްކޮށް ވިދާޅުވާ އެއްޗެއް ނޫންކަމަށް އަމިތު ޝާހް ވިދާޅުވިއެވެ.

ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ވަކި މިންގަނޑުތަކަކަށް ހެދުން އެޅުމަށް ޤަވައިދެއް އެކުލަވާލައި އެ ނިންމުން ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަކަށް އަންގާފައިވާނެކަމަށެވެ. އަދި އެ ގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގެ ކޯޓުތަކުން ހިޖާބުއެޅުމާ ދެކޮޅަށް ކޮށްފައިވާ ޙުކުމުތަކާ ޙަވާލާދިނުމަށްފަހުކަމަށްވެސް ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވެއެވެ.

61 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަރްނާޓަކާގެ %12 މީހުންނަކީ މުސްލިމުންނެވެ. ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަޅައިގެން ނުވަދެވޭނެކަމަށް ނިންމުމުން އެ ސުޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހުންނަ ސަރަޙައްދީ ހައި ކޯޓަށް ހިޖާބުއެޅި ދަރިވަރަކު ހުށަހެޅި މައްސަލައެއްވަނީ ބަލައިގަނެފައެވެ. ނަމަވެސް އެ މައްސަލާގައި ޙުކުމު އިއްވާނެ ތާރީޚެއް އަދި ނޭނގެއެވެ.

1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ %13 މީހުންނަކީ މުސްލިމުންނެވެ.