ޚަބަރު

ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސް އަންގަވައިފި


ޔޫކުރެއިންގައި ތިބި ދިވެހިން ރާއްޖެގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިފިއެވެ.

ޔޫކްރެއިންގެ މަސްރަހު ގޯސްވެފައިވާ މިދަނޑިވަޅުގައި އެޤައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ފޮރިން މިނިސްޓްރީއަށް އެންގެވުމާގުޅިގެން އެ މިނިސްޓްރީންވަނީ މިހާރު އެ މަސައްކަތް ފަށްޓަވާފައެވެ. ޔޫކްރޭނުގެ މަޞްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މިވަގުތު ޔޫކްރެއިންގައި ތިބި ދިވެހިންގެ ޙާލަތު ވަރަށްގާތުން ބައްލަވަމުންދާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޔޫކްރެއިނާއި ރަޝިޔާ ގުޅޭ ސަރަޙައްދީ ބޯޑަރުގެ ކައިރިއަށް ރަޝިޔާ ސިފައިން ބަރުހަތިޔާރާއެކު ޖަމާވެފައިވާއިރު، ކޮންމެ ވަގުތަކުވެސް ހަނގުރާމައެއް ފެށިދާނެކަމަށްވަނީ ބެލެވިފައެވެ. ޔޫކްރެއިންގައި 50 ދިވެހިން ތިބިއިރުގެ އޭގެ ތެރެއިން 29 ދަރިވަރުން ތިބީ ހަނގުރާމައެއް ފަށައިފިނަމަ އޭގެ ނުރައްކާ އެންމެބޮޑު ސަރަޙައްދުގައެވެ. އެއީ ޔޫކްރެއިންގެ ޚަރްވިކް ސަރަޙައްދެވެ. އެއީ ރަޝިއާގެ ބޯޑަރާ، އެންމެ ކައިރި ހިސާބެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންނާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ރައީސްގެ އެންގެވުމާއި ގުޅިގެން ޔޫކްރެއިންގައި ދިރިއުޅޭ 50 ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 49 ދަރިވަރަކާއި ދަރިވަރެއްގެ އާއިލާގެ ފަރާތެއްކަމަށެވެ. އަދި އެފަރާތްތަކާއި ގުޅައި ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ވަރަށްބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މިމިނިސްޓްރީއާއި، އެޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރކުރުމަށްވެސް ފޮރިން މިނިސްޓްރިން އެދެއެވެ.

ޔޫކްރެއިންގެ މަސްރަޙު ހޫނުވެ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާއިރު، ހުޅަނގުގެ ޤައުމުތަކުންއަންނަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެމުންނެވެ. އެހެންނަމަވެސް މަސްރަޙު ފިނިނުވެ ދަނީ އިތުރަށް ގޯސްވަމުންނެވެ. އެފަދަ ފިޔަވަޅުތަކެއް އެޅިނަމަވެސް އެ ޤައުމަށް ލިބޭނެ ގެއްލުމެއް ނެތްކަމަށާއި އެއީ އައު ކަމެއް ނޫންކަމަށް ވިދާޅުވެ ރަޝިއާގެ ރައީސް ވުލަޑުމީރް ޕުޓިން ވަނީ ހުޅަނގަށް ރައްދުދެއްވާފައެވެ.

ޕުޓިން ވިދާޅުވެފައިވަނީ ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ރަޝިޔާއިން ވަކި ގޮތަކަށް ޢަމަލުކޮށްގެން ނޫންކަމަށާ، އެފަދަ ފިޔަވަޅުތަކެއް އަޅަނީ ރަޝިޔާގެ އިޤްތިޞާދީ ކުރިއެރުން ހުއްޓުވުމަށްކަމަށެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުޢާހަދާތަކާ ޚިލާފަށްކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމުން ހުޅަނގުގެ ޤައުމުތަކުންވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި ރަޝިޔާއިން ޔޫކްރެއިންނަށް އިތުރު ޙަމަލާއެއް ދޭނެކަމަށް ބެލެވެމުންދާ ދަނޑިވަޅެއްގައި ހުޅަނގުގެ ޤައުމުތަކުންވަނީ ރަޝިޔާއިން އެފަދަ ނިންމުމެއް ނިންމައިފިނަމަ ހީނުކުރާހާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ.