ޚަބަރު

މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރީގައި ބިދޭސީންގެ ބައިވެރިވުން އިތުރުވަނީ


ރާއްޖޭގައި މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފަރީގައި ބިދޭސީންގެ ބައިވެރިވުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީންގެ މެދުގައި މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުމާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުން އިތުރުވަމުން އަންނަކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންކުރާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބޭއްވި މީޑިއާ އިވެންޓުގައި ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2015ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރުގެ ނިޔަލަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީންނާގުޅުންހުރި 1836 މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި 1330 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

އޭގެ ތެރޭގައި 1300 ފިރިހެނުންނާއި 30 އަންހެނަކު ހިމެނެއެވެ. އަދި މީގެ ތެރޭގައި ނިސްބަތުން ގިނައީ ބަންގްލަދޭޝް، އިންޑިއާ، ސްރިލަންކާއަށް ނިސްބަތްވާ މީހުންނެވެ. ފާއިތުވި 7 އަހަރުގެ ފުލުހުންގެ ރިކޯޑްތަކަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި އެންމެ ގިނަ ޢަދަދެއްގެ ބިދޭސީން ހައްޔަރުކޮށްފައިވަނީ 2019ވަނަ އަހަރެވެ. އެގޮތުން އެއަހަރު އެކަނިވެސް 264 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ. އަދި 2015އިން 2021ގެ ނިޔަލަށް ޑްރަގް ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޖުމްލަ 146 ބިދޭސީން ހިމެނޭކަން ފުލުހުން ހާމަކުރައްވާފައިވެއެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި މަސްތުވާތަކެތި ދިރުވާލައިގެންނާއި، އެނޫން ގޮތްގޮތަށް އެތެރެކުރަން އުޅުނު 28 މައްސަލައެއްގައި ޖުމްލަ 41 ބިދޭސީން ހިމެނެއެވެ. ޓްރާންސިޓްކޮށް މަސްތުވާތަކެތި އެތެރެކުރުމުގައި 40 ބިދޭސީއަކު ހިމެނޭއިރު، އޭގެތެރޭގައި ގިނައީ ބްރެޒިލް، ޕާކިސްތާން، ބަންގްލަދޭޝް އަދި އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

ފުލުހުން ވިދާޅުވިގޮތުގައި މަސްތުވާތަކެތީގެ ކުށްކުށުގައި ޝާމިލުވާ ބިދޭސީންގެ ތެރެއިން ބައެއް މީހުން ރާއްޖެ އަންނަނީވެސް ބޭރުގެ ޑްރަގް ނެޓްވޯކްތަކާ ގުޅުން ބަދަހިކުރުމަށްފަހުކަމަށެވެ. އަދި އެފަދަ ބައެއް މީހުން މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ފުޅާކުރަން ކުރާ މަސައްކަތް ފަސޭހަކުރުމުގެގޮތުން ދިވެހިންނާއި ކައިވެނިކުރާކަން ފާހަގަކުރެވޭކަމަށް ފުލުހުން ވިދާޅުވެއެވެ.

ރާއްޖޭގެ ޑްރަގް ނެޓްވޯކްތަކާއި ޖަލުތަކަށް މަސްތުވާތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވާ ޑްރަގް ޓްރެފިކްކުރާ މީހުންނާއި ގާތްގުޅުމެއް އުފައްދައި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީންގެ ބައިވެރިވުން އެންމެ އާއްމުކޮށް ފެންނަ ކުށްތަކުގެ ތެރޭގައި، މަސްތުވާތަކެތި ރާއްޖެއެތެރެކުރުމާއި، އެތަކެތި އަތޮޅުތަކުގެ ރަށްރަށަށް ޓްރެފިކްކުރުމާއި، މަސްތުވާތަކެތި ވިއްކުމާއި އެތަކެތި ބޭނުންކުރުންފަދަ ކުށްތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.

މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން ޢާއްމުކޮށް ޚިދުމަތް ހޯދާ މީހުންގެ ތެރޭގައިވެސް ގިނަ ޢަދަދެއްގެ ބިދޭސީން ހިމެނެއެވެ. އެގޮތުން އެފަދަ 139 ބިދޭސީއަކު ފާހަގަކުރެވިފައިވެއެވެ. އޭގެ ތެރޭގައި ވަންނާނެތަނެއް ނެތް 4 ބިދޭސީއަކު ހިމެނެއެވެ. ހަމައެހެންމެ 2015ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރުގެ ނިޔަލަށް ބަނގުރާ ވިއްކުމުގެ ވިޔަފާރިކުރުމުގައި 525 ބިދޭސީން ހިމެނޭކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.