ޚަބަރު

ސްޕޯޓްސް އެވޯޑް ހަފްލާގައި ކުޅިވަރު ލެޖެންޑުންނާއި ގިނަ ތަރިން ބައިވެރިވާނެ - މަޚުލޫފް


ސްޕޯޓްސް އެވޯޑް ހަފްލާގައި ކުޅިވަރު ލެޖެންޑުންނާއި ކުޅިވަރުގެ ގިނަ ތަރިންތަކެއް ބައިވެރިވާނެކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ސްޕޯޓްސް އެވޯޑްގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

ޔޫތު މިނިސްޓްރީން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިނުމުގެ އެންމެބޮޑު ބޭނުމަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތަކުން ކުރާ މަސައްކަތް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ. އަދި މި އެވޯޑަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ހުނަރާއި ވަނަތައް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖްތަމަޢެއް ބިނާކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފް ވިދާޅުވީ ސްޕޯޓްސް އެވޯޑް އިވެންޓްވެގެންދާނީ ވަރަށް ގިނަގޮތް ގޮތުން ފާހަގަކޮށްލެވޭ ކުޅިވަރު އިވެންޓްއެއްގެ ގޮތުގައިކަމަށާ މިއެވޯޑްގެ ސަބަބުން ވަރަށް ގިނަ ކުޅުންތެރިންނަށާއި އެސޯސިއޭޝަންތަކުގެ އިތުރުން އެވޯޑާއި ގުޅިފައިވާ އެހެން ފަރާތްތަކަށްވެސް ވަރަށް ބޮޑު ހިތްވަރެއް ލިބި، ޤައުމްޓަކައި އިތުރަށް މަސައްކަތް ކުރުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވިއެވެ. ސްޕޯޓްސް އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 17ވަނަ ދުވަހު، މާލޭ ކުޅިވަރު އެކުވެނި ޓްރެކް ދަނޑުގައެވެ.

މިނިސްޓަރ ވިދާޅުވީ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓަރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި އަދި ރާއްޖޭގެ ޤައުމީ ޓީމްތަކުން ރަގަނޅު ކާމިޔާބީއެއް ހޯދުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގައި އެތަށް މިލިއަން ރުރިޔާއެއް ޚަރަދު ކުރަމުންދާކަމަށެވެ. އަދި ކުޅުންތެރިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރުމަކީ އެހެން ގައުމްތަކުގައިވެސް ވަރަށް ކުލަގަދަކޮށް ކުރާކަމެއްކަމަށާ، ސްޕޯޓްސް އެވޯޑްއާއެކު އެކަން ފެށި ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޚުލޫފް ވިދާޅުވިއެވެ.

"ދުނިޔޭގެ ފެންވަރުގައި އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކުޅިވަރު ލެޖެންޑުން، ވޯލްޑް ރެކޯޑް ހޯލްޑަރުން މި އިވެންޓުގައި ބައިވެރިވާނެ. މިހާރު ވެސް ކުޅިވަރުގައި ފާހަގަކޮށްލެވޭ ބައެއް ކުޅުންތެރިން ބައިވެރިވާނެ. ކުލަގަދަ، އެހާމެ ވަރުގަދަ އިވެންޓަކަށް މި އިވެންޓްވާނެ. މިހާރު އެބޭފުޅުން މިކޮޅަށް ވަޑައިގަތުމުގެ އެކިއެކި އެރޭންޖްމަންޓް މިހާރު މިދަނީ ހަމަޖައްސަމުން. މިއެވޯޑްވަނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެބޮޑު ޙަރަކާތަށް. މިއިވެންޓަށް ރާއްޖޭގެ ކުޅިވަރަށް ޚިދުމަތްކޮށްދެއްވައި، ގާތްގުޅުމެއް ބަހައްޓަވާ އެކި ޤައުމުތަކުގެ ކުޅިވަރު ވަޒީރުންނާއި ދުނިޔޭގެ ފެންވަރުގައި ކުޅިވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތުން ވެސް ބައިވެރިވާނެ". މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 12 އެވޯޑެއް ދިނުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ. ސްޕޯޓްސް އެވޯޑްގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި އެތުލީޓް އޮފް ދަ އިޔަރ އެވޯޑް އަންހެން އަދި ފިރިހެން، ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފްދަ އިޔަރ އެވޯޑް އަންހެން، ފިރިހެން، ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަން އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑު، މީޑިއާ އޮފް ދަ އިޔަރ އިން ސްޕޯޓްސް ކަވަރޭޖް އެވޯޑް އޮންލައިން އަދި ބްރޯޑްކާސްޓިން ހިމެނެއެވެ. މީގެ އިތުރުން މިއެވޯޑްސްގައި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ކޯޗް އޮފް ދަ އިޔަރ އެވޯޑް، އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ބައި މިނިސްޓްރީ އޮފް ސްޕޯޓްސް ހިމެނެއެވެ.