ޚަބަރު

އަޙްމަދިއްޔާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވާނަން: ރައީސް


އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 40 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ އަޙްމަދިއްޔާ ސްކޫލްގެ މާޒިން ވަރަށް ފަޚުރުވެރި ސަފުހާތަކެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން އެސްކޫލުން ޤައުމަށް ބޭނުންތެރި އެތައް ދަރިންތަކެއް އުފައްދާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަޙްމަދިއްޔާ ސްކޫލަކީ މިހާރުވެސް ރާއްޖޭގެ ތަޢުލީމްގެ މައިދާނުގައި ވަރަށް މަތީ މަޤާމެއްގައި ސާބިތުކަމާއެކު އޮތް ސްކޫލެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަޙްމަދިއްޔާ ސްކޫލްކަމަށާއި ދަރިވަރުންނާއި މުދައްރިސުން އެންމެ ގިނަ ސްކޫލަކީވެސް އެސްކޫލްކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްކޫލް ފެންވަރުގައާއި ޤައުމީ ފެންވަރުގައިވެސް ރަން ވަނަތަކެއް އަހުމަދިއްޔާ ސްކޫލްގެ ދަރިވަރުން ހޯދިނަމަވެސް އެސްކޫލަށްވެސް ބޭނުންވާ އެތަކެއް ކަންތައްތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެސްކޫލަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި، ދަރިވަރުންގެ އިތުރު ހަރަކާތްތައް ބާއްވާނެ ބިމާއި ތުއްތު ކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއްވެސް ނެތްކަން ސްކޫލުން ސަރުކާރަށް ހުށައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަނީ އަހްމަދިއްޔާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއް ވާނެ. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމައަށް އެހީތެރިވުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން. އެހެންވީމާ، ތިބޭފުޅުންގެ އިންތިޒާރަށް މާ ގިނަދުވަހެއް ނުވެ އަމަލީ ސިފަ އަންނާނެކަމުގެ ޔަޤީންކަން އަރުވަން." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ މީހުން ބިނާކުރުންކަން ފާހަގަކުރައްވައި އޭގެ ތެރެއިންވެސް ތަޢުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެނީވެސް އެ ބޭނުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ގިނަ ވަޒީފާތައް އުފެދިގެން ދާނެކަން ފާހަގަކުރައްވަމުން، ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި ރަށްރަށުގައި ހިންގާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތަކާއި ފެން އުފައްދާ ޕްލާންޓްތައް ފަދަ ތަންތަނުން އެފަދަ ބައެއް ވަޒީފާތައް އުފެދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އަލްމަރްޙޫމް ޑީ އަޙްމަދު ދީދީގެ ހަނދާނުގައި އެރުވޭ ޚާއްޞަ އެވޯޑާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިޖަލްސާގައިވަނީ އަހުމަދިއްޔާ ސްކޫލަށް 10އަހަރާއި 15 އަހަރާ ދެމެދު ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، 15 އަހަރާއި 25 އަހަރާ ދެމެދު ޚިދުމަތް ކުރެއްވި ފަރާތްތަކަށްވެސްވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އަޙްމަދިއްޔާ ސްކޫލުގެ "ހަނދާނީ ގެލެރީ" ބައްލަވާލައްވާފައެވެ.