ޚަބަރު

ފުލުހުންގެ އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑު ލޯންޗުކޮށްފި


ފުލުހުންގެ އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑު ލޯންޗުކޮށްފިއެވެ. މި ޑޭޝްބޯޑު ލޯންޗުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. އިންޓްގްރޭޓެޑް ޑޭޝްބޯޑަކީ މަސްތުވާތަކެތީގެ މައްސަލަތަކާގުޅޭ ތަފާސްހިސާބުތަކާއި، އެ މައްސަލަތަކާގުޅޭ ތަފާތު މަޢުލޫމާތާއި ޑޭޓާތައް އެއްތާކުން ފަސޭހައިން ފެންނާނެހެން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ.

މި ޑޭޝްބޯޑު ލޯންޗްކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ޖިނާޢީ ޢަދުލުގެ ނިޒާމުގެތެރެއިން ލިބެން ހުރި މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ޖިނާޢީ ކުށްތަކުގެ %70އާއި %80އާ ދެމެދުގެ ކުށްތައް ސީދާގޮތުންނާއި ނުސީދާގޮތުންވެސް ގުޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކާކަމަށެވެ. އަދި މިއީ ޤައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި ފުލުހުންގެ ސްޓެރެޓިޖިކް އެކްޝަން ޕްލޭންގައިވެސް މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަށް އިސްކަންދީފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.

އަލަށް ތަޢާރަފުކުރި އިންޓެގްރޭޓެޑް ޑޭޝްބޯޑުގެ ސަބަބުން، ވަކިވަކި ރަށްރަށާއި، އަތޮޅުތަކުގައި މަސްތުވާތަކެތީގެ ޙާލަތު އޮތްމިންވަރު އެވިޑެންސް ބޭސްޓް ޑޭޓާ މެދުވެރިކޮށް ފަސޭހައިން ބަލާލެވޭނެކަމަށް ސީޕީ ޙަމީދު ވިދާޅުވިއެވެ. އަދި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގޭ އޮޕަރޭޝަންތައް މިހާރަށްވުރެ ހަރުދަނާކޮށް، މިކަންކަމާގުޅޭ ސިޔާސަތުތައްވެސް އިތުރަށް ހަރުދަނާކުރުމަށް ލިބޭ ބާރަކަށް ވެގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.

"އެންފޯސްމަންޓްކަމުގައިވިޔަސް، ޕްރިވެންޝަންކަމުގައިވިޔަސް، އެވެއަރނަސް ރެއިޒްކުރަން ކަމުގައިވިޔަސް، އަދި ސަރުކާރުތަކުން އަދި އެކިއެކި ވުޒާރާތަކުން ސިޔާސަތުތައް ބައްޓަންކުރަން ކަމުގައިވިޔަސް، އަދި ސިޔާސީ ފަރާތްތަކަށްވެސް މަސްތުވާތަކެއްޗާގުޅިގެން ސިޔާސަތު ބައްޓަންކުރަންކަމުގައިވިޔަސް މި ޕޯޓަލުން އަޅުގަނޑުމެންނަށް އެއްކުރެވޭ ޑޭޓާއިން އިތުރަށް ފުރިހަމަކަމެއް ގެނެވިގެންދާނެ. އަޅުގަނޑުމެން އުއްމީދުކުރަނީ މި ޑޭޓާ އަޅުގަނޑުމެން ނެޝެނަލީ އިންޓަގްރޭޓްކުރެވޭނެ ވަރުގެ ޑޭޓާބޭސްއަކަށް ހެދުން" ސީޕީ ޙަމީދު ވިދާޅުވިއެވެ.

ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑުގައި ހިމަނާފައިވާ ބައެއް މުހިންމު ޑޭޓާތަކަށް ބަލާއިރު، 2015ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރުގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކަށް ފުލުހުން އެޓެންޑުވެފައިވާ މިންވަރާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ޢަދަދާއި އެމީހުންގެ އުމުރުފުރާ އަދި އެފަދަ މައްސަލަތަކާގުޅިގެން ނަގާ ޔޫރިން ސާމްޕަލް ޕޮޒިޓިވްވާ ބާވަތްތަކުގެ މަޢުލޫމާތު ހިމެނެއެވެ. އަދި މަސްތުވާތަކެތީގެ ގޮތުގައި ބޭނުންކުރާ ބާވަތްތަކުގެ ޓްރެންޑް ހުރިގޮތާއި، ޑްރަގް ނެޓްވޯކްތަކުން ހަރަކާތްތެރިވާ ސަރަޙައްދުތަކާއި، ވަކިވަކި ރަށްރަށުގައާއި އަތޮޅުތަކުން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓްކުރެވޭ މިންވަރުވެސް މި ޑޭޝްބޯޑުން ފަސޭހައިން ބަލާލެވޭނެއެވެ.

ފުލުހުންގެ އިންޓެގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑު ލޯންޗްކޮށްފައިވާއިރު، "ޑްރަގް އެންފޯސްމަންޓް މީޑިއާ އިވެންޓް" ގެ ނަމުގައި ނޫސްވެރިންނަށް އަމާޒުކޮށްގެން ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތު އަންގައިދިނުމަށް ޚާއްސަ ހަރަކާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ހަރަކާތުގައި ރާއްޖޭގެ މަސްތުވާތަކެތީގެ މިހާރުގެ ހާލަތާއި، އެ ހާލަތު ބަދަލުކުރުމަށް ފުލުހުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ސްޓޯލްތަކެއް ތައްޔާރުކޮށް މީޑިއާތަކާ އެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޕްރެޒެންޓޭޝަންތަކެއް މެދުވެރިކޮށްވެސް ތަފާތު ގިނަ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. މި އިވެންޓްގައި ބްރޯޑްކާސްޓިންގ އަދި އޮންލައި ނޫސްތައް ހިމެނޭގޮތަށް 14 މީޑިއާއަކުން ނޫސްވެރިން ބައިވެރިވެފައިވެއެވެ.