ދުނިޔެ

ރަމާދީ މިނިވަން ކުރިނަމަވެސް އަދިވެސް ކުރިމަތިލުންތައް ހިނގާ


އައި.އެސް ޖަމާޢަތުގެ އަތްދަށުން އިރާޤުގެ އުތުރުގެ ރަށެއް ކަމަށްވާ ރަމާދީ އެޤައުމުގެ އަސްކަރިއްޔާއިން މިނިވަންކުރި ނަމަވެސް، އެރަށުން އައި.އެސް ހަނގުރާމަވެރިން ފައްސާލުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އިރާޤުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އިރާޤުގެ އަސްކަރިއްޔާގެ އިސް އޮފިސަރު، ލެފްޓިނެންޓް ޖެނެރަލް ރިޔާޒް ޖަލާލް ވިދާޅުވީ އިރާޤުގެ އަސްކަރިއްޔާގެ ފައުޖުތައް މިހާރު ހަރަކާތްތެރިވަމުން ދަނީ ރަމާދީގެ ހުޅަނގުގެ ސަަރަޙައްދުތަކުގައި ކަމަށާއި އެސަރަޙައްދުގައި ފިލާތިބި އައި.އެސްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުންދާ ކަމަށެވެ.މީގެ އިތުރުން، ރަމާދީގެ އެކި ސަރަޙައްދުތަކުގައި ވަޅުލާފައިވާ ބޮމާއި ގޮވާފަދަ ތަކެތި ނައްތާލުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އިރާޤުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އިރާޤުގެ އަސްކަރިއްޔާއިން ރަމާދީ މިނިވަންކޮށްފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.