ވިޔަފާރި

އޮޑިޓް އޮފީހުގެ އިންފޮމޭޝަންސް ސިސްޓަމްް ޑިޕާޓްމެންޓް އައްޑޫގައި ޤާއިމްކޮށްފި


އޮޑިޓަރ ޖެނެރަލް އޮފީހުގެ އިންފޮމޭޝަންސް ސިސްޓަމްސް ޑިޕާޓްމެންޓް، ދެކުނު ސަރަހައްދީ އޮފީހުގައި ޤާއިމުކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގައި ބޭއްވި ރަސްމީއްޔާތެއްގައި އޮޑިޓަރ ޖެނެރަލަ ހުސެއިން ނިޔާޒީ އަދި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގައި ޑިޕާޓްމެންޓެއްގެ ގޮތުގައި މުޅިން އަލަށް ޤާއިމުކުރާ މި ޑިޕާޓްމެންޓަކީ މާލޭ ސަރަހައްދުން ބޭރުގައި ޤާއިމުކުރާ މިފަދަ ފުރަތަމަ ޑިޕާޓްމެންޓްކަމަށް އެ އޮފީހުން ބުނެއެވެ. އަދި މިތަނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެވެސް އިންފޮމޭޝަން ސިސްޓަމް އޮޑިޓިން މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެ އޮފީހުން ބުނެއެވެ.

އޮޑިޓް ޖެނެރަލް އޮފީހުން ވިދާޅުވީ، ދައުލަތުގެ އޮފީސްތަކުގެ މަޢުލޫމާތު ރައްކާކުރުމުގެ ނިޒާމުތަކަކީ މިހާރު ޑިޖިޓަލައިޒް ކުރަމުންދާ ނިޒާމުތައް ކަމަށްވާއިރު މި ނިޒާމުތަކަކީ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ޙިދުމަތް ދިނުމަށް ޤާޢިމު ކުރެވޭ ނިޒާމުތަކެއްތޯ ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މި ނިޒާމުތަކަކީ އޮފީސްތައް ހިންގުމަށް ލުއި ފަސޭހަ ކުރުމަށް ޤާޢިމު ކުރެވޭ ނިޒާމުތަކަށް ވާހިނދު ނިޒާމުގެ ތެރެއިން ނާޖާއިޒް ފައިދާ ނުނެގޭނެކަން ޔަޤީންކުރަން ޖެހޭކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ، މިފަދަ ނިޒާމެއް މާލޭ ސަރަހައްދުން ބޭރުގައި ޤާއިމު ކުރުމުން އޭގެ ދަތިތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އައްޑޫގައި މި ޑިޕާޓްމެންޓް ޤާއިމުކުރާއިރު އެ ހުރިހާ ދައްޗަކަށްވެސް ވިސްނާ ކަމަށާއި އައްޑޫގައި މި ޑިޕާޓްމެންޓް ޤާއިމުކުރުމަށް ނިންމީ ދެކުނު ސަރަހައްދީ އޮފީހުގައި މިކަމަށްޓަކައި ރަނގަޅު އިންފްރާ ސްޓަރަކްޗަރއެއް ޤާއިމުވެފައި ހުރުމުން ކަމަށެވެ. އަދި މީގެ ގިނަ ކަންކަމުން ދައުލަތުގެ މާލީ ކަންކަން ރަނގަޅު ވެގެންދާނެކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.

"މިހުރިހާ ކަމެއްގެ އަލީގައި އިތުރު ޗެލެންޖެސް ތަކެއް ހުއްޓަސް، އެ ޗެލެންޖާ އެއްކޮށް މިމަސައްކަތް ފަށަން [ނިންމީ]. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި މީގެ ވަރަށް ގިނަ ކަންކަމަކީ ދައުލަތުގެ މާލީ ކަންކަން ރަނގަޅު ވެގެން ދާނެ ކަމެއް. މިފަހަރު މާލޭގައި ހުރި މީރާ ކަސްޓަމްސް އަދި އެތަންތަނުން ބޭނުން ކުރާ ސިސްޓަމްސް ތަކާއި އަދި [ކުންފުނިތައްވެސް] ބަލަމުންދާނީ އައްޑޫ ސިޓީގައި މިތިއްބެވި ޓީމުން" ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގައި މީގެކުރިން މިކަން ކުރަމުން އައީ ޔުނިޓް ލެވެލްގައި ކަމަށް އެ އޮފީހުން ހާމަކުރެއެވެ. އަދި މިހާރު މި ޑިޕާޓްމެންޓް ދެކުނު ސަރަހައްދީ އޮފީހުގައި ޤާއިމުވުމުން މަސައްކަތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދެވޭނެކަމަށް ޤަބޫލު ކުރައްވާކަމަށްވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރ ނިޒާރު ވަނީ އައްޑޫގައި މިފަދަ ޑިޕާޓްމެންޓެއް އޮޑިޓް އޮފީހުން ޤާއިމުކުރުމުން މި ސަރަހައްދުގެ ދައުލަތުގެ އޮފީސްތަކުން ދޭ ޙިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް ވިދާޅުވެފައެވެ. އަދި ސިޓީ ކައުންސިލުންވެސް އައު ނިޒާމުތައް ތަޢާރާފްކޮށް ޙިދުމަތް ދޭން މަސައްކަތް ކުރާއިރު މި ނިޒާމުތައް ރަނގަޅަށް މަސައްކަތް ކުރޭތޯ އޮޑިޓް އޮފީހުން ބަލައި ދިނުމަކީ މުހިންމު ކަމެއްކަން މޭޔަރ ފާހަގަކުރެއްވިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ ދެކުނު ސަރަހައްދީ އޮފީސް ޤާއިމުކުރެވުނީ މީގެ 6 އަހަރު ކުރީންނެވެ. މި އޮފީހުން މިހާރު އަހަރަކު 60 ތަނުގެ އޮޑިޓިން މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއެވެ.