ޚަބަރު

ގެސްޓް ހައުސްތަކުން 11000 އެނދު އޮޕަރޭޝަނަށް


ގެސްޓްހައުސްތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު 11000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެލިއީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 19ވަނަ ދުވަހާއި ހަމައަށް 631 ފެސިލިޓީއަކުން ޖުމްލަ 11020 އެނދު ވަނީ އޮޕަރޭޝަނަަށް ގެނެސްފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޓޫރިޒަމް މިނިސްޓްރީގައި 830 ފެސިލިޓީއަކުން 15561 އެނދު ވަނީ ރަޖިސްޓްރީކޮށްފައެވެ.

ގެސްޓުހައުސްތަކުން 11020 އެނދު އޮޕަރޭޝަނަށް ގެނެސްފައިވާއިރު، ރާއްޖޭގައި އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ އަދަދުވަނީ 54178 އަށް އަރާފައެވެ. މި އަދަދު މީގެ މަސް ދުވަސްކުރިން ހުރީ 53822ގައެވެ. އެހެންކަމުން މަސްދުވަސްތެރޭ ވަނީ އިތުރު 356 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 38822 އެނދާއި، ގެސްޓު ހައުސްތަކުގެ 11020 އެނދާއި، ހޯމް ސްޓޭގެ 6 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2912 އެނދާއި، ހޮޓާތަކުގެ 1418 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 162 ރިސޯޓު، 631 ގެސްޓުހައުސް، އެއް ހޯމް ސްޓޭ ފެސިލިޓީ، 148 ސަފާރީ، 11 ހޮޓާ ހިމެނޭހެން ޖުމްލަ 953 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑު ކެޕޭސިޓީއަކީ 59935 އެނދެވެ.

އޮޕަރޭޝަނަށް ގެންނަ އެނދުގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސްދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 201126 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 138912 ފަތުރުވެރިންނާއި އަޅާ ބަލާއިރު 44.8 އިންސައްތަ އިތުރު އަދަދެކެވެ.