ޤައުމީ ދިދައިގެ ކަރާމަތް ނަގާލާ ރައްޔިތުންނަށް ބޮޑެތި އަދަބުތަކެއް ސައުދީ އަރަބިޔާގައި ވަނީ ކަނޑައަޅާފައެވެ.
އެ ޤައުމުގެ ޤާނޫނު ބުނާގޮތުން ސައުދީ ދިދަ އެއްލާލާ ނުވަތަ ދިދައަށް އިހާނެތިކޮށް ހިތުމަކީ ބޮޑު ކުށެކެވެ. މި ގޮތުން މި ކުށްކުރާ މީހެއްގެ އަދަބެއްގެ ގޮތުން އެއް އަހަރަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެ މީހަކު ޖޫރިމަނާގެ ގޮތުގައި 3000 ރިޔާލުވެސް ދައްކަންޖެހޭނެއެވެ.
ސައުދީ ސަރުކާރުން އަންނަނީ އެ ޤައުމުގެ ޤައުމިއްޔަތާއި އިސްލާމްދީން ހިމާޔަތްކުރުމަށް ގިނަ އުސޫލްތަކެއް އެކުލަވާލާ އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަމުންނެވެ.
މިސްކިތުގައި ނަމާދަށް ގޮވާ ވަގުތު ލަވަޖަހާ މިއުޒިކް ކުޅޭ މީހުން ޖޫރިމަނާކުރުމަށްވެސް ސައުދީ ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ބަންގި ގޮވާގަޑީ ލަވަޖަހާ ނުވަތަ މިއުޒިކް ކުޅެފިނަމަ އެމީހަކު 1000 ރިޔާލުން ޖޫރިމަނާކުރާނެއެވެ. އަދި ކުށް ތަކުރާރުކޮށްފިނަމަ އެ އަދަދު ދެގުނަ އިތުރުކުރާނެކަމަށްވެސް ސައުދީ ސަރުކާރުންވަނީ ބުނެފައެވެ.