ސިއްހަތު

ޕްރޮފެސަރ އުގައިލްގެ "ސިއްޙީ ހަދިޔާ" ފޮތް ނެރެފި


ދިވެހިންނަށް އާއްމުކޮށް
ދިމާވާ ސިއްހީ މައްސަލަތަކާއި އޭގެ ފަރުވާއާ ގުޅޭ ގޮތުން ޕްރޮފެސަރު ހަސަން އުގައިލް ލިޔުއްވާފައިވާ ހާއްސަ ފޮތެއް
ކަމުގައިވާ "ސިއްޙީ ހަދިޔާ" ނެރެފިއެވެ.

މިކަމަށްޓަކައި ދަރުބާރުގޭގައި
ބޭއްވި ހަފްލާގައި މި ފޮތް ނެރެދެއްވީ ސިއްހީ
ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެއް ކަމުގައިވާ
މުޙައްމަދު ޒަކަރިއްޔާއެވެ.

ރާއްޖޭގެ ފުރަތަމަ ޕްރޮފެސަރ އަދި
ސައިންސްވެރިޔާ ހަސަން އުގައިލް ނެރުއްވި "ސިއްޙީ ހަދިޔާ" ފޮތުގައި ސައިންސްގެ ފަހުގެ ދިރާސާތައް ވަނީ ހިމަނާފައެވެ.
ދެ ބަޔަކަށް ބަހާލާފައިވާ މިފޮތުގެ ފުރަތަމަ ބައެއްގެ ގޮތުން ދިވެހިންނަށް
އާއްމުކޮށް ދިމާވާ ނުރައްކާތެރި ބަލިތަކުގެ ތަފްސީލީ މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ.


ދެވަނަ ބައެއްގެ ގޮތުން ރަގަޅު
ސިއްޙަތެއްގައި ހުރުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާނެގޮތާއި ގުޅޭގޮތާއި،
ރާއްޖެއިން ފަސޭހައިން ލިބޭނެ ކާބޯތަކެތި ބޭނުންކޮށްގެން ދުޅަހެޔޮ ސިއްޙަތެއްގައި
ހުންނަން ބޭނުންވާނެ ފަދަ ކާބޯތަކެތި ތައްޔާރުކުރާނެގޮތް ވަނީ ހިމަނާފައެވެ.

ފޮތާއި ގުޅޭގޮތުން
ވާހަކަދައްކަވަމުން ޕްރޮފެސަރ ހަސަން އުގެއިލް
ވިދާޅުވީ، ގިނަ
ބަލިތަކެއްގެ މައުލޫމާތު މިފޮތުގައި ހިމެނުނު ނަމަވެސް މިފޮތަކީ ހަމައެކަނި
ސިއްހަތަށް ޚާއްސަކޮށްފައިވާ ފޮތެއް ނޫން ކަމަށެވެ. މިފޮތުގައި ދުޅަހެޔޮ
ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތަކެއްގެ އިތުރުން، އިންސާނާގެ
މުޅި ދިރިއުޅުމަށް ބޭނުންވާނެ މުހިންމު މައުލޫމާތުތަކެއްވެސް ހިމެނޭނެ ކަމަށް
އުގެއިލް ވިދާޅުވިއެވެ.

މިޙަފްލާގައި
ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު އައްފާލް
ވިދާޅުވީ ޕްރޮފެސަރ އުގައިލްގެ ސިއްޙީ ހަދިޔާ ފޮތުގައި ދިރާސާތަކެއްގެ މައްޗަށް
ބައިތައް ހިމަނާފައިވާކަމަށެވެ. އަދި ސިއްޙީ ކަންކަމަށް ސަމާލުވުމަށާއި، އެފަދަ
ކަންކަން ފަސޭހައިން ދެނެގަނެވޭނެހެން މަޢުލޫމާތުތައް ވަރަށް ތިލަކޮށް ގެނެސްދީފައިވާކަން
އައްފާލް ފާހަގަކުރެއްވިއެވެ.

"ސޮނީ
ހާޑްވެއާ" ގެ އެހީތެރިކަމާއެކު ނެރުނު މި ފޮތް މިފޮތް ބެހުމަށް
ހަމަޖެހިފައިވަނީ ހިލެއެވެ. އަދި މިފޮތް ބޭނުންވާ ފަރާތްތަކަށް ފޭސްބުކް ޕޭޖް
މެދުވެރިކޮށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އަތޮޅުތަކަށްވެސް މި ފޮތުގެ
ކޮޕީ ފޮނުވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އުގެއިލް ވިދާޅުވިއެވެ.