ޚަބަރު

ކުރެންދޫގައި މިއަހަރު ހައުސިންގ މަޝްރޫޢުއެއް ހިންގާނަން: ރައީސް


ފާދިއްޕޮޅު ކުރެންދުއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ތެރޭގައި ހައުސިންގ މަޝްރޫޢެއް އެރަށުގައި ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފާދިއްޕޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެފަހު މަންޒިލެއްގެ ގޮތުން ކުރެންދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖަޒީރާ ހޮޅުއަށީގެ ނަމުގައި ރައްޔިތުންނާއި ބައްދަލުކުރުމަށް ކުރެންދޫގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެމުހިންމު ބޭނުމަކީ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުންކަމަށެވެ. އެއީ ކޮންމެހެން ކުރަން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައާއި، މަޖިލިސް އެޖެންޑާ-19ގައި ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށްކަމަށެވެ.

އެ މަސައްކަތް ކުރައްވާއިރު، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ބައެއް މަޝްރޫޢުތައް މަޑުޖައްސާލާ، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ތަރުތީބަށް ބަދަލުތަކެއް ގެންނަވަން ޖެހިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.

"މިރަށުގަ އަދި މިދާއިރާގެ ބައެއް މަޝްރޫޢުތައް މަޑުޖެހިފައިވާކަމަށް އަޅުގަނޑު ޤަބޫލުކުރަން. އެއީ މަޝްރޫޢު ހަވާލުކޮށްފައިވާ ބައެއް ފަރާތްތަކުން ކުރިއަށް ނުގެންދިއުމުން މަޑުޖެހިފަ ހުރި މަޝްރޫޢޫތަކެއް. ނަމަވެސް އެކަމަށް ހައްލު ގެނެސް އަވަސް ސްޕީޑްގައި ކުރިއަށް ގެންދަން އަވަސްކުރަމުން މިދަނީ. މިހެން ކުރާ ދަތުރުތަކުން އެކަން ވަރަށް ބޮޑަށް ފާހަގަވޭ. އެ ހިސާބަކަށް އައިސް ބަލާލުމުން މަޝްރޫޢު ގޮސްފައިވާ ހިސާބު ފެނޭ. މިރަށުންވެސް ސްޕީޑް އަވަސްކުރަން ޖެހޭކަންކަން ފެނޭ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކުރެންދުއަށްއޮތް އެންމެބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަމަށާ، އެކަމަށް އަވަސްހައްލެއް ހޯއްދަވައިދެއްވުމަށް މިއަހަރުގެ ތެރޭގައި އެރަށުގައި ބޯހިޔާވަހިކަމަށް ހައުސިން މަޝްރޫޢުއެއް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރެންދޫގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ކުރެންދޫގައި މިއަަހަރު މަޝްރޫޢޫއެއް ހިންގާނެކަމަށް. މި ރަށަކީ ބިމުގެ ދަތިކަން ބޮޑު ރަށެއް. އަޅަންޖެހޭނީ މައްޗަށް ފްލެޓް. އެހެންކަމުން މިއަހަރު ބޯހިޔާވަހިކަމުގެ މަޝްރޫޢު އިއުލާންކުރާން." ރައީސް ވިދާޅުވިއެވެ.

ރައީސް ގެ ވާހަކަފުޅުގައި ވަނީ 14 ރަށެއްގައި 1570އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ކުރެންދޫ ހިމެނޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން ކުރެންދޫއަށް ދިމާވެފައިވާ މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ ބަނދަރުގެ ޖާގައިގެ މައްސަލައަށްވެސް ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ފުޓްބޯޅަ ދަނޑު ތަރައްޤީކޮށް ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރައްވަނެކަމަށާއި، ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރައްވަނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިންމާ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްވެސް ކުރެންދޫގައި ކުރިއަށް ގެންދަވަނެކަމަށް ރައީސް ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވެފައެވެ.

މީގެ އިތުރުން ސްކޫލްގެ މަލްޓިޕާޕަސް ހޯލް އެޅުމުގެ މަސައްކަތް އަވަސްކޮށް ޕްރީ ސްކޫލްގެ ޖާގަ އިތުރުކޮށްދެއްވާނެކަމަށާއި، ކުރންދޫގައި މިސްކިތެއް އެޅުމުގެ މަޝްރޫޢު ޓެންޑަރިންގައި އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރެންދޫއަށް ވަޑައިގަތުމަށްފަހު ރައީސް ވަނީ ފާދިއްޕޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައެވެ.