ވިޔަފާރި

އެމްއޭސީއެލަށް އެއަރ ޓްރެފިކް މޫވްމެންޓްގެ އައު ރެކޯޑެއް!


އެއް ދުވަހުގެތެރޭ އެންމެ ގިނަ އެއަރ ޓްރެފިކް މޫވްމެންޓް މިހާތަނަށް ހިނގާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އާދީއްތަދުވަހު މުޅި ޖުމްލަ 839 އެއަރ ޓްރެފިކް މޫވްމެންޓް ރެކޯޑު ކުރެވުނެވެ. މީގެ ކުރީން މިދިޔަމަހުގެ 2 ވަނަ ދުވަހު 826 މޫވްމެންޓް ރެކޯޑު ކުރެވިފައިވެއެވެ. އެހެން ކަމުން އާދިއްތަ ދުވަހުގެ އެއަރ ޓްރެފިކް މޫވްމަންޓަކީ ވެލާނާ އެއަރޕޯޓުގެ މުޅިން އައު ރެކޯޑެއްކަމަށް އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އާދިއްތަ ދުވަހު ވެލާނާ އެއަރޕޯޓުން އެއަރޓްރެފިކް މޫވްމެންޓަށް ބަލާއިރު، އެންމެ ގިނަ ދަތުރުކޮށްފައިވަނީ ސީޕްލޭންތަކުންނެވެ. އެގޮތުން 629 ސީޕްލޭން މޫވްމެންޓް ރެކޯޑު ކުރެވިފައިވާއިރު އެއަރޕޯޓު ރަންވޭއި މެދުވެރިކޮށް 210 ވައިގެ މޫވްމެންޓް ވަނީ ރެކޯޑު ކުރެވިފައެވެ.

ވެލާނާ އެއަރޕޯޓުގައި ފްލައިޓު މޫވްމެންޓް އިތުރުވެފައިވާއިރު، އެމްއޭސީއެލްއިން ދަނީ އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރުމަށްވެސް ގިނަ މަސައްކަތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އެއަރ ޓްރެފިކް ޓަވަރ ސިމިއުލޭޓަރ މިދިޔަ އަހަރު ވެލާނާ އެއަރޕޯޓުގައި ވަނީ އިފްތިތާޙްކޮށްފައެވެ. އަދި މިހާރު މިތަނުން މުވައްޒަފުން ތަމްރީނު ކުރަން ވަނީ ފަށާފައެވެ.

ވެލާނާ އެއަރޕޯޓަކީ ރާއްޖޭއަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވާ މައި ދޮރާއްޓެވެ. އެގޮތުން ވެލާނާ އެއަރޕޯޓަށް މިހާރުވެސް 30އަށްވުރެ ގިނަ އެއަރލައިން މިހާތަނަށް ވަނީ ގުޅާލެވިފައެވެ.

މިމަހުގެ 19 ވަނަ ދުވަހަކީ އެއް ދުވަހުގެތެރޭ އެންމެ ގިނަ އެއަރ ޓްރެފިކް މޫވްމެންޓް ހިނގި ދުވަހައްވީއިރު ވަގުތީ ގޮތުން ޓެކްސީވޭއެއްގެ ގޮތުގައި އާ ރަންވޭ ބޭނުންކުރަން ވަނީ ފަށާފައެވެ. މިއާއެކު ބޯޓެއް ޖެއްސުމަށްފަހު ރަންވޭ ކްލިއާ ކުރަން ނަގަނީ ގާތްގަނޑަކަށް ދެމިނިޓްކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މިވަގުތު ފްލައިޓްތައް ޖެއްސުމަށްފަހު ޓެކްސީ ކުރުމަށްވެސް ބޭނުންކުރަމުންދަނީ ކުރީގެ ރަންވޭކަމަށެވެ. މިގޮތަށް އޮޕަރޭޝަން ކުރިއަށްގެންދިޔުމުން ގަޑިއަކު ޖެއްސެނީ ގާތްގަނޑަކަށް 8 ފްލައިޓަށް ނަމަވެސް ފްލައިޓް ޓެކްސީ ކުރުމަށް އާ ރަންވޭ ބޭނުންކުރަން ފެށުމުން ގަޑިއަކު 16 ފްލައިޓް ޖެއްސި ޚިދުމަތް އަވަސްވެގެންދާނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

މިހާތަނަށް އޮތްގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ފްލައިޓް ޖެއްސުމަށްފަހު ރަންވޭ ކްލިއާކޮށް އަނެއް ފްލައިޓަށް ޚިދުމަތް ދިނުމަށް ގާތްގަނޑަކަށް 15 ވަރަކަށް މިނިޓް ހޭދަވެގެންދެއެވެ. މީގެ ސަބަބުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތައް ނުޖެއްސި މަތީގައި މަޑުކުރަންޖެހޭއިރު ރަންވޭ ހުސްނުވެގެން ފްލައިޓްތަކަށް ނުފުރިވެސް އެތައް ވަގުތުތަކެއް ހޭދަވެގެން ދެއެވެ. އަލަށް ގެނައި ބަދަލާއެކު މިގޮތަށް ހޭދަވެގެންދާ ވަގުތުގެ މައްސަލަ މުޅިންހެން ޙައްލުވެފައިވާކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ވީއައިއޭގެ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ބޮޑު ޙައްލެއް ލިބިގެންދާނީ އައު ރަންވޭ ރަސްމީކޮށް ފްލައިޓް ޖެއްސުމަށް ބޭނުންކުރަން ފެށުމުންކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ. މިގޮތުން އައު ރަންވޭ ސެޕްޓެމްބަރުމަހުގެ ތެރޭގައި ބޭނުންކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އައު ރަންވޭއަކީ އެންމެ ބޮޑެތި ޕެސެންޖަރ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެއްގޮތަށް ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މި ރަންވޭއަކީ 3400 މީޓަރުގެ ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.