ޚަބަރު

ރަޝިޔާގެ ފަރިތަކުރުންތަކުގައި ނިޔުކްލިޔަރ ހަތިޔާރާއި ހައިޕަސޯނިކް މިސައިލް


ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރީގައި ނިޔުކްލިޔަރ ހަތިޔާރާއި އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕަސޯނިކް މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ އަސްކަރިއްޔާއިން ފަރިތަކުރުންތަކެއް ފަށައިފިއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި އެމެރިކާއިން ތުޙްމަތުކޮށްފައިވާ ދަނޑިވަޅެއްގައި ބެލަރުސްސާ ގުޅިގެން ރަޝިޔާއިން އަސްކަރީ ފަރިތަކުރުންތައް ބާއްވާފައިވަނީ ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ ޙާޒިރުގައެވެ. އެ ގޮތުން ޕުޓިންނާއި ބެލަރުސްގެ ރައީސް އެލެކްސެންދަރް ލުކަޝެންކޯވަނީ ޚާއްޞަ މަރުކަޒެއްގައި ތިއްބަވައިގެން ފަރިތަކުރުންތައް ކުރިޔަށްދިޔަ ގޮތް ބައްލަވާލައްވައިފައެވެ. އެ ފަރިތަކުރުންތަކުގައި ރަޝިޔާއިންވަނީ ކާމިޔާބުކަމާއެކު ކުރޫސް މިސައިލާއި ހައިޕަސޯނިކް މިސައިލް ތަޖުރިބާކޮށްފައެވެ.

ފާއިތުވި ދުވަސްތަކުގައި ރަޝިޔާއިންވަނީ ބަރުހަތިޔާރާއެކު 190،000 ސިފައިން ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ފޮނުވައިފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވާ ގޮތުގައި ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަކީ ޔަޤީންކަމެކެވެ. އަދި އެފަދަ ޙާލަތެއްގައި ވަރުގަދަ ރައްދަކާ ރަޝިޔާއިން ކުރިމަތިލާން ޖެހޭނެކަމަށް ބައިޑަންވަނީ ވިދާޅުވެފައެވެ. ނަމަވެސް އަދިވެސް ހުޅަނގުގެ ވިސްނުމަކީ މަޝްވަރާކޮށްގެން ކުރިމަތިވެފައިވާ ނާޒުކު ޙާލަތަށް ޙައްލެއް ހޯދުންކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ފާއިތުވި ދެ ހަފުތާ ތެރޭގައި އެމެރިކާއާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތުގެ އެންމެ އިސްވެރިން ޕުޓިންނާއެކު ކުރެއްވި މަޝްވަރާތައް ނިންމާލަން ޖެހިފައިވަނީ އެއްވެސް ނަތީޖާއެއް ނުނެރިވިއެވެ.