ޚަބަރު

ޝިންޖިޔާނަށް ދިޔުމުގެ ދަޢުވަތު އދގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާއަށް


އދގެ އިންސާނީ ޙައްޤުތަކާބެހޭ އިދާރާގެ އެންމެ އިސްވެރިޔާ މިޝެލް ބަޝްލޭ ޗައިނާގެ ޝިންޖިޔާނަށް ވަޑައިގެންނެވުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވާންގް ޔީ ދަޢުވަތުދެއްވައިފިއެވެ.

ޖަރުމަންވިލާތުގެ މިޔުނިކުގައި ބޭއްވި ސަލާމަތާބެހޭ ބައްދަލުވުމެއްގައި ވީޑިޔޯ މެދުވެރިކޮށް ވާހަކަފުޅުދައްކަވަމުން ވާންގް ޔީ ވިދާޅުވީ ޝިންޖިޔާނުގެ މައްސަލާގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ތުޙްމަތުތައް ޗައިނާގެ ސަރުކާރުން ބަލައިނުގަންނަކަމަށާއި އެ މައްސަލާގައި އެކަށީގެންވާ ޞައްޙަ މަޢުލޫމާތު ޙިއްޞާކޮށްފައިވާނެކަމަށެވެ. އަދި ތުޙްމަތުތައް ކުރެއްވުމުގެ ބަދަލުގައި ބަޝްލޭ ޝިންޖިޔާނަށް ވަޑައިގަންނަވައި އަމިއްލަފުލަށް ޙާލަތު ވަޒަންކުރެއްވުމަށް ދަޢުވަތުއަރުވާކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ދަތުރުފުޅެއްގައި އެއްވެސް ތަޙްޤީޤެއް ނުކުރެއްވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ހުޅަނގުއުތުރުގައި އޮންނަ ޝިންޖިޔާނަކީ ތަފާތު އެކި ނަޞްލުތަކަށް ނިޞްބަތްވާ މީހުން ދިރިއުޅޭ ސަރަޙައްދެކެވެ. އޭގެ ތެރޭގައި އުއިގޫރް މުސްލިމުންނާއި ކަޒަކާއި ތަޖިކާއި އުޒުބަކް ދަރިކޮޅަށް ނިޞްބަތްވާ މީހުން ހިމެނެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ތުޙްމަތުކޮށްފައިވާ ގޮތުގައި ޗައިނާގެ ސަރުކާރުންވަނީ ޝިންޖިޔާނުގައި ނަޞްލީ ތަފާތުކުރުމާއި ބޮޑެތި ލާއިންސާނީ ޢަމަލުތަކެއް ހިންގައިފައެވެ. އެ ގޮތުން އެހެން ނަޞްލުތަކަށް ނިޞްބަތްވާ މީހުން އެކި މަރުކަޒުތަކުގައި ބަންދުކޮށް ތަފާތު އަދަބުތައް ދެމުންދާކަމުގެ ހެކި ލިބިފައިވާކަމަށް އދންވެސްވަނީ ބުނެފައެވެ. އެއާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުންތަކަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.