އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ނޯވިޗް ސިޓީ ބައްދަލުކުރިމެޗް ލިވަޕޫލުން ކާމިޔާބުކޮށް ތާވަލްގެއެއްވަނައިގާއުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު 6 ޕޮއިންޓަށް ކުޑަކޮށްފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ ފަހަތުން އަރާ 3 ލަނޑު އެއްލަނޑުންނެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ނޯވިޗުންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މިލޮޓް ރަޝީކާއެވެ. މިމެޗްގެ ނަތީޖާ ލިވަޕޫލުން ހަމަހަމަ ކުރި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހައިދިނީ ސާޑިއޯ މާނޭއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން މުހައްމަދު ސަލާހް ވަނީ ލިވަޕޫލަށް މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. މިއީ މިފަހަރު ލީގުގައި ސަލާހް ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. އަދި މިއީ އޭނާ ލިވަޕޫލަށް ކާމިޔާބުކޮށްދިން 150 ވަނަ ލަނޑެވެ.
މިމެޗްގައި ލިވަޕޫލުންގެ ތިންވަނަ ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި ޖަހައިދިނީ ލުއިސް ޑިއާޒެވެ. މިއީ ޕޯޓޯއިން ލިވަޕުލަށް މިދިޔަ މަހު ބަދަލުވި ޑިއާޒް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިކާމިޔާބީއާއެކު ލިވަޕޫލަށް މިވަނީ ކުޅުނު 25 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ ސިޓީ އާއި 6 ޕޮއިންޓަށް ކައިރިވެފައެވެ. އަދި ރޭ ކުޅުނު މެޗުން ސިޓީ ބަލިވެފައިވުމުން ލިވަޕޫލް މިހާރު ނުކުޅެ އޮތް މެޗާއެކު މިފަރަގު 3 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތުވެސް އެބައޮތެވެ. މިމެޗުން ބަލިވުމުން ނޯވިޗް އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ ފުލުގައެވެ.