މުނިފޫހިފިލުވުން

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ތިންވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި


މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ތިންވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ވަރޗުއަލްކޮށެވެ. މިބައްދަލުވުމުގައި ވަނީ މިއުޒިޝަންސް ޔޫނިއަންގެ ނައިބު ރައީސްގެ މަޤާމަށާއި، ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރުގެ މަޤާމަށް ދެ މެންބަރަކު އިންތިޚާބުކޮށްފައެވެ.

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ، "އަ ކޯޑް އެން އަ ޑްރީމް" އަދި "އޮސެލޭޓް" ބޭންޑްގެ ކޯ-ފައުންޑާ އަދި ބޭސް ގިޓަރިސްޓް މޫސާ އަޠުފާލު (ބެލް) އެވެ. އަދި އެ ޔޫނިއަންގެ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރގެ މަޤާމަށް އިންތިޚާބުވެފައިވަނީ ކޮމިއުނިކޭޝަންސް އެންޑް މީޑިއާގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ، އަދި މީގެ ކުރިން ޔޫނިއަންގެ ސްޕޯކްސްޕާސަންގެ މަޤާމު އަދާކޮށްފައިވާ އައިމިނަތު ޝުއާ ޝުޖާއު (އައިނާ) އެވެ.

މި ބައްދަލުވުމުގައި ޔޫނިއަންގެ ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓާއި، މިހާތަނަށް ހާސިލް ކުރެވިފައިވާ ކަންތައްތަކާއި، މިވަގުތު ޔޫނިއަންއިން ހިންގަމުންދާ އަދި ކުރިޔަށް ރާވާފައިވާ ޕްރޮގުރާމުތަކާއި އަދި އިވެންޓުތަކުގެ މަޢުލޫމާތު ޔޫނިއަންގެ ރައީސް އަޙުމަދު ޝިހާމް ވަނީ މެންބަރުންނާއި ހިއްސާ ކޮށްފައެވެ. އަދި ޔޫނިއަންގެ ޙަޒާންދާރު އަޙްމަދު އައިމަން ލަތީފް ވަނީ ފާއިތުވީ އަހަރުގެ މާލީ ބަޔާން މެންބަރުންނަށް ހުށަހަޅާދީފައެވެ.