ޚަބަރު

ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރުން މިމަހު 11 ގައި ފަށާނެ


ހައްދުންމަތީ ގާދޫ މީހުން އެ އަތޮޅު ފޮނަދޫއަށް ބަދަލުކުރެއްވުމުގެ އަމަލީ މަސައްކަތް ހޯމަ ދުވަހު ފައްޓަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. ގާދޫ މީހުންނަށް އެއަތޮޅު ފޮނަދޫގައި އަޅުއްވާފައިވާ ގެތައް ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެންގެވުން މިދިޔަ ބުރާސްފަތިދުވަހު ވަނީ އެރަށުގައި ކުރިއަށްގެންދަވާފައެވެ.  މި ގުރުއަތަކީ، އެ މީހުންނަށް ލިބޭ ގެތައް ކަނޑައެޅުމުގެ ގުރުއަތެވެ. ގާދޫ މީހުން ފޮނަދޫއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ލަސްވީ، ފޮނަދޫގައި އަޅުއްވާފައިވާ ގެތަކުގެ ނަރުދަމާގެ ކަންކަން ނުނިމޭތީކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.  މިހާރު ގާދޫގައި ރަޖިސްޓްރީކުރެވިފައިވާ ގޭގެ ޢަދަދަކީ، 108 އެވެ. ގާދޫ މީހުން ބަދަލު ކުރެއްވުމަށް ފޮނަދޫގައި މިހާތަނަށް އަޅުއްވާފައިވަނީ 85 ގެއެވެ. ބާކީ އިތުރަށް ޢިމާރާތްކުރައްވަންޖެހޭ ގެތަކުގެ މަސައްކަތް ނިމެންދެން އެ ޢާއިލާތައް އުޅޭނެ ތަންތަން ހައުސިންގ މިނިސްޓްރީން ހަމަޖައްސަވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.  މިގެތަކުގެ މަސައްކަތްވެސް ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި ފެއްޓެވުމަށް މަސައްކަތްކުރައްވާ ކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ފުރަތަމަ ގެތައް ލިބުނު ފަރާތްތައް ކަނޑައަޅުއްވާފައިވަނީ، އެކަމަށް ޚާއްޞަ ކުރައްވައިގެން ކަނޑައަޅުއްވާފައިވާ އުޞޫލެއްގެ ދަށުންނެވެ. ފޮނަދުއަށް ބަދަލުވުމަށް ގާދޫގެ ކޮންމެ ޢާއިލާއަކަށް ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާ، ފަސްދޮޅަސް ހާސް ރުފިޔާ، ފޮނަދުއަށް ބަދަލުވާ ދުވަހު ޢާއިލާތަކާ ޙަވާލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް ހަތަރުސަތޭކައެވެ.  މީގެތެރެއިން ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 170 މީހުންނެވެ. ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ދިރާސީ އާއަހަރު ފެށެންވާއިރަށް ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރެއްވުމުގެ ހުރިހާ މަސައްކަތެއް ނިމޭނެކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.