ޚަބަރު

ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ތަމްރީންކުރުން


2016 ވަނަ އަހަރު މޯލްޑިވްސް ކަރެކްޝަން ސާވިސްގެ 400 އަށްވުރެ ގިނަ އޮފިސަރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ކޯސްތަކުގައި ތަމްރީނު ކުރައްވާނެ ކަމަށް ކަރެކްޝަން ސަރވިސް އިން ހާމަކުރައްވައިފިއެވެ. އޮފިސަރުން ތަމްރީނު ކުރައްވަނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ "އިންސްޓިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒް،  އައިކޯސްޓުންނެވެ" 2007 ވަނަ އަހަރުން ފެށިގެން ޓްރެއިނިންގ ތަކާއި ކޯސްތައް ހިންގަން ފަށާފައިވާ ޕްރިޒަން އެކެޑަމީ، އިންސްޓިޓިއުޓަކަށް ބަދަލު ކުރައްވައި، "އިންސްޓިޓިއުޓް އޮފް ކަރެކްޝަނަލް ސްޓަޑީޒް،  އައިކޯސްޓު"ގެ ނަމަށް ބަދަލުކުރެއްވީ، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ. އައިކޮސްޓުން މިހާރު އޮފިސަރުންނާއި، ގައިދީންނަށްވެސް ކޯސްތައް ހިންގައެވެ. އަދި މި ކޯސްތަކަކީ އެމްކިއުއޭ ޤަބޫލްކުރާ ފެންވަރުގެ ކޯސްތަކަކަށް ހެއްދެވުމަށް އެ ސާވިސްއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ.  ކޯސްތަކާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ޗީފް ޕްރިޒަން އޮފިސަރ އަޙްމަދު ރިޒާ ވިދާޅުވީ، އެމްކިއުއޭ ޤަބޫލްކުރާ ފެންވަރުގެ ކޯސްތައް ހިންގެވުމަށް އިސްކަން ދެއްވުމުގެ މައިގަނޑު މަޤްޞަދަކީ، އައިކޮސްޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓަކީ، އޮފިސަރުންނާއި، ގައިދީންނަށް މުޖުތަމައުގައިވެސް ބޭނުން ކުރެވޭނެ އެއްޗަކަށް ހެދުންކަމަށެވެ. 2016 ވަނަ އަހަރުގެ ތެރޭގައި ޑިޕްލޮމާ ފެންވަރުގެ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާކަންވެސް، ޗީފް ޕްރިޒަން އޮފިސަރ  ރިޒާ ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ތެރޭގައި އޮފިސަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ  ޓްރެއިނިންގ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. ގައިދީންނަށް އަމާޒުކޮށްގެން، އެމްކިއުއޭ ޤަބޫލުކުރާ ފެންވަރަށް ފަރުމާކޮށްފައިވާ، ދެ ކޯހެއް ފާސްކުރުމަށް އެމް.ކިއު.އޭއަށް ހުށަހަޅާފައިވާ ކަމަށްވެސް ކަރެކްޝަނަލް ސާރވިސްއިން ފާހަގަކުރެއެވެ. އަލަށް ތަޢާރަފްކުރާ ދެ ކޯސް ފާސްވުމުން، ކަރެކްޝަނަލް ސާރވިސްއިން ހިންގާ އެމްކިއުއޭ ޤަބޫލްކުރާ ފެންވަރުގެ ކޯސްތަކުގެ އަދަދު ފަހަކަށް އަރާނެއެވެ.