ރަސް އަލް ޚަނާ ހާފް މެރަތަންގެ 5 ކިލޯ މީޓަރު ފިރިހެން ބައިންގައި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ ހުސެއިން ފަޒީލް ހާރޫން 1ވަނަ ހޯދިއިރު، އަންހެންބައިގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އާމިނަތު ޖާއިޝާ ޖުނީޒް ދެވަނަ ހޯދައިފިއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައު ކުރިއަށް ދިޔަ މިދުވުމުގައިވަނީ 3 އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. އެއީ ހާފް މެރަތަންއާއި 5 ކިލޯ މީޓަރު އަދި އެއް މޭލް ދުވުމެވެ.
މިއަދު ރޭހުގެ ފަސް ކިލޯމީޓަރު ދުވުމުގެ އަންހެންބައިން ޖާއިޝާ ދެވަނަ ހޯދިއިރު، ޖާއިޝާ ވަނީ ގައުމީ ރެކޯޑުވެސް އާކޮށްފައެވެ.
މިމުބާރާތުގެ 5 ކިލޯމީޓަރު ދުވުމުގެ ފިރިހެން ބައިންގައި ފަޒީލް ހާރޫން 1ވަނަ ހޯދާފައިވަނީ 16 މިނިޓް 32 ސިކުންތުން ދުވެ ރޭސް ނިންމައިގެންނެވެ. ފަޒީލްގެ އިތުރުން މިރޭހުގައި ދެން ވާދަކުރި ރާއްޖޭގެ ރިޒާ ރޭސް ނިންމީ 17 މިނިޓް 18 ސިކުންތުންނެވެ. ރިޒާ ދިޔައީ ތިން ވަނައަށެވެ. މިވަގުތު ރާއްޖޭގެ މެރެތަން ރެކޯޑް އޮތީ 2 ގަޑި 35 މިނެޓުން ދުވެފައިވާ ޝިފާޒް މުޙައްމަދުގެ އަތުގައެވެ.
5 ކިލޯ މީޓަރު ދުވުމުން ގައުމީ ރެކޯޑް ޖާއިޝާ މުގުރާލާފައިވާއިރު، މިރެކޯޑް ކުރިން ހަދާފައިވަނީ 2020ވަނަ އަހަރު އައިޝަތު ޖިނާނީ އިބްރާހީމެވެ. ޖާއިޝާ ރޭސް ނިންމާފައިވަނީ 20 މިނެޓް 34 ސިކުންތުންނެވެ. ޖާއިޝާ މިރެކޯޑް މުގުރާލާފައިވަނީ 9 ސިކުންތުގެ ކުރިއެރުމެއް ހޯދައިގެންނެވެ. އެއީ 20 މިނެޓް 25 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ޖާއިޝާ އަކީ މިވަގުތު ރާއްޖޭގައި ދިގު ދުވުމުގައި ހަލުވިކަމާއެކު ކުރިއެރުން ހޯދަމުންއަންނަ ޒުވާން އެތުލީޓެކެވެ. މިރެކޯޑްގެ އިތުރުންވެސް ޖާއިޝާ އަތުގައި ގައުމީ ދެ ރެކޯޑް އޮވެއެވެ. އެއީ އެއީ 1500 މީޓަރާއި 3000 މީޓަރުގެ ދުވުމުގެ ރެކޯޑެވެ. ތަޖްރިބާކާރު ދުވުންތެރިޔާ މަރިޔަމް ޢަބްދުލް ކަރީމް (މަރީ) ވެސް ވަނީ ހާފް މެރަތަންގައި ދުވެފައެވެ. މަރީ ރޭސް ނިންމާފައިވަނީ 1 ގަޑިއިރު 30 މިނެޓް 46 ސިކުންތުންނެވެ. މިއާއެކު އަންހެން ހާފް މެރަތަންގެ ގައުމީ އާ ރެކޯޑެއް މަރީ ހަދާފައެވެ. މީގެ ކުރިންވެސް މިރެކޯޑް އޮންނަނީ މަރީގެ އަތުގައެވެ.