ކުޅިވަރު

ގައުމީ ބާސްކެޓް ލީގުގައި ކިންސް ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފި


ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި ކިންގްސް ބާސްކެޓްބޯޅަ ކްލަބް އެޓީމް ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފިއެވެ. ފޯރިގަދަ ކުޅުމަކަށްފަހު ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި ކުޅުނު މިމެޗް ކިންގްސް ކާމިޔާބުކޮށްފައިވަނީ ރެޕްޓާސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 23 ޕޮއިންޓުގެ ތަފާތުންނެވެ. އެއީ 102 ޕޮއިންޓް 79 ޕޮއިންޓުންނެވެ. މުޅި މެޗްގައިގައިވެސް މޮޅަށް ކުޅެފައިވަނީ ކިންގްސްއިންނެވެ. ކިންގްސްގައި ގައުމީ ޓީމްގެ ގިނަ ކުޅުންތެރިން ތިބުމާއި، ތަޖްރިބާކާރު ގިނަ ކުޅުންތެރިންތަކެއް ތިބުމުން އޭގެ ފައިދާ ކިންގްސްއިން ނެގިއެވެ. އަދި ކުޅުންތެރިންގެ ތަޖްރިބާ މެޗްގައި ވަރަށް ބޮޑަށް ފެނިގެންދިޔައެވެ.

މެޗްގެ ފުރަތަމަ ދެ ކުއަޓަރ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ކޮންމެ ކުއަޓަރއެއް ނިމުމުއިރުވެސް ލީޑް ކުރަމުން ކިންގްސްއިންނެވެ. ނަމަވެސް މިދެ ކުއަޓަރގައިވެސް ރެޕްޓާސްއިން ވަނީ ކިންގްސްގެ ފަހަތުން ވިއްދާފައެވެ. މެޗްގައި ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

ރެޕްޓާސްގެ ޖެފްރީ ކޯބީ ވަނީ 31 ޕޮއިންޓް ހޯދައިދީ 13 ރީބައުންޑް ނަގައިދީފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކިންގްސްގެ އާލަންޑޯ ކުކް ވަނީ 33 ޕޮއިންޓް ހޯދައިދީ 7 ރީބައުންޑް ނަގައިދީފައެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަންގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފައި ވަނީ ނައިޓް ބާސްކެޓް ބޯލް ކުލަބެވެ. މިމެޗް ނައިޓް ކާމިޔާބުކޮށްފައިވަނީ ވައިކިންސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 60 ޕޮއިންޓް 59 ޕޮއިންޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ވައިކިންގްސް ޓީމުން އެންމެ މޮޅު ކުޅުމެއްދައްކާފައިވަނީ މުޙައްމަދު އައިކް ވަޖީޙެވެ. އަދި ނައިޓްސް ބާސްކެޓް ބޯލް ކުލަބުން އެންމެ މޮޅު ކުޅުމެއް ދެއްކީ އައިކް އަހުމަދެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ ނައިޓްގެ އައިކް އަހުމަދުއެވެ.

މިމުބާރާތުގެ ދެވަނަ ޑިވިޝަންގައި ރޭ ކުޅުނު ފަހު މެޗް ކާމިޔާބުކޮށްފައިވަނީ ހުޅުމާލެ ސްޕޯޓްސް ކުލަބެވެ. މިމެޗް ހުޅުމާލެ ޓީމް ކާމިޔާބުކޮށްފައިވަނީ ޓެލޮންސް ބާސްކެޓް ބޯލް ކުލަބާއި ވާދަކޮށް 66 ޕޮއިންޓް 60 ޕޮއިންޓުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓެލޮންސް ބާސްކެޓް ބޯލް ކުލަބްގެ އިސްމާޢީލް އިގާނެވެ.