ދީން

އިމާމުން ޑިޕްލޮމާ ފެންވަރަށް ގެންދިޔުމުގެ ޕްރޮގްރާމެއް ފަށަނީ


މިސްކިތްތަކުގެ އިމާމުންނަށް ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު މިއަހަރު އިސްލާމިކް މިނިސްޓްރީން ހުޅުއްވާލައްވާފައިވީ ނަމަވެސް އަމާޒަކީ ރާއްޖޭގެ ހުރިހާ އިމާމުންނަށް ޑިޕްލޮމާ ފެންވަރުގެ ޕްރޮޤްރާމްތަކެއް ފެށުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ދީނީ ޚިލާފުތަކާއި ގުޅޭ މައުލޫމާތު ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނަށް ދިނުމަށް ފެށި މަސައްކަތު ބައްދަލުވުމާއި ގުޅޭގޮތުން ޕީއެސްއެމް އަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބު ޝެއިހް އިބްރާހިމް އަހުމަދު ވިދާޅުވީ މިބައްދަލުވުމުގެ މަގްސަދަކީ މުސްލިމުންގެ ތެރޭގައި ހުރި އިޚްތިލާފީ މައްސަލަތަކާއި ގުޅޭގޮތުން ޢިލްމުވެރިން ދެނެގަންނަށްޖެހޭ ބައެއްކަންކަން އޮޅުންފިލުވައިދިނުމާއެކު ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައިވާ ބައެއް ޢިލްމީ ހަޤީގަތްތަކުގެ މައްޗަށް ޢިލްމުވެރިންނާއި އިމާމުން ހެލުންތެރި ކުރުވުން ކަމަށެވެ. އަދި އިސްލާމީ ހަޟާރަތާއި ސަޤާފަތުގައި ހިމެނޭ ރިވެތި އާދަކާދަތައް އޮޅުންފިލުވައިދީ އެކަންކަން ދިވެހި މުޖުތަމައަށް ފޯރުކޮށްދޭނެ ހެޔޮގޮތްތައް ބުނެދިނުން ކަމަށެވެ. ހަމައެހެންމެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އިލްމުވެރިން ޑިޕްލޮމާ ފެންވަރަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރުން ކަމަށް ސެއިހް ވިދާޅުވިއެވެ.އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ދީނީ ޖަމިއްޔާއެއް ކަމަށްވާ ރާބިއަތުލް އާލަމިލް އިސްލާމީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ފެށި 6 ދުވަހުގެ މި ބައްދަލުވުމުގައި 60 އަށް ވުރެ ގިނަ އިލްމުވެރިންނާއި އިމާމުންގެ ބައިވެރިވާކަމަށެވެ. މި ބައްދަލުވުމުގައި ގުރުއާނުގެ ތަފްސީރާއި ހަދީޘް ޢިލްމާއި އިސްލާމީ ހަޟާރަތާއި ސަގާފަތާ ގުޅޭ ގޮތުން، އެ ޖަމިއްޔާގެ ދެ އިލްމުވެރިއަކު މައުލޫމާތު ދޭނެ ކަމަށާއި ޒަމާނީ ފިގްހުގެ މައްސަލަތަކާއި ރާއްޖޭގައި ވެސް ހުރި ދީނީ ހިލާފުތަކާއި އަދަބުގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް އިސްލާމް މިނިސްޓްރީން ވިދާޅުވިއެވެ.