ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ރޯހައުސްތަކާއި ފުލެޓުތައްފަދަ ތަންތަން ކުއްޔަށް ދެވޭނީ، މަޝްރޫޢު ހިންގި އިދާރާއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން އެ އިދާރާއެއްގެ ހުއްދަ ލިބިގެން ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައަޅައިފިއެވެ.
މި އުސޫލުގެ ދަށުން އިޖުތިމާއީ ހައުސިން މަޝްރޫޢުތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓުތަކާއި ރޯހައުސްތަކާއި ގޯތިފަދަ ތަންތަން އެއްކޮށް ކުއްޔަށް ދިނުން މަނާވާނެއެވެ.
މި ޤަވާއިދުގެ ދަށުން އިޖުތިމާއީ ހައުސިން މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކާއި ރޯހައުސްތަކާއި ގޯތިފަދަ ތަންތަން ކުއްޔަށް ދެވޭނީ އެންމެ ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މި މުއްދަތު ހަމަވުމުން އެތަނެއް ކުއްޔަށް ދެވޭނީ އެ މަޝްރޫޢު ހިންގި އިދާރާއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަލުން ހުއްދަ ނަގައިގެންނެވެ.
ރޯހައުސްތަކާއި ފުލެޓުތަކާއި ގޯތިފަދަ ތަންތަން ކުއްޔަށް ދެވޭނީ އެތަނަކީ އިޖުތިމާއީ ހައުސިން މަޝްރޫއުތަކުގެ ދަށުން ލިބިފައިވާ ތަނެއް ކަމުގައިވާނަމަ ކަމަށްވެސް ގަވާއިދުގައި ބުނެއެވެ. އެ ގަވާއިދަށް އަމަލުރަން ފަށާއިރު އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކޮށްފައިވާ ފުލެޓްތަކާއި ރޯހައުސްތަކާއި ގޯތި ފަދަ ތަންތަނުގެ ތެރެއިން އެއްކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދިނުމަށް ދޫކޮށްފައިވާ ހުއްދަތައްވެސް ޤަވާއިދުގެ ދަށުން ބާޠިލުވާނެއެވެ. އޭގެ އިތުރުން ފުލެޓުތަކާއި ރޯހައުސްތަކާއި ގޯތި ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު އެކަމާބެހޭ ލިޔެކިޔުންތަކާއި އެ މަޝްރޫއެއް ހިންގި ފަރާތުން އެތަނެއް ކުއްޔަށް ދިނުމަށް އިއުތިރާޒެއް ނެތްކަމުގެ ލިޔުންވެސް ހުށަހަޅަންވާނެއެވެ.
ހައުސިން މަޝްރޫއަކުން ލިބިފައިވާ ފްލެޓެއް، ރޯހައުސްއެއް ނުވަތަ ގޯއްޗެއް ގަވާއިދާ ޚިލާފަށް ނުވަތަ ޤާނޫނާއި ޤާނޫނުތަކުގެ ދަށުން ހަދައިފައިވާ ޤަވާއިދުތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ މައްސަލައެއް ކައުންސިލަށް ރިޕޯޓުކޮށްފިނަމަ ނުވަތަ އެފަދަ ކަމެއް ކައުންސިލަށް ފާހަގަކުރެވިއްޖެނަމަ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގި އިދާރާއަށް އެ ކައުންސިލަކުން އަންގަން ޖެހޭނެއެވެ. އަދި އެކަމެއް ބަލައި ފިޔަވަޅު އަޅަންވެސް ޖެހޭނެއެވެ.