ޚަބަރު

ޤައުމީ ޕޭމަންޓް ސިސްޓަމް ސެޕްޓެމްބަރުމަހު ބޭނުންކުރަން ތައްޔާރުވަނީ


ޤައުމީ ޕޭމަންޓު ސިސްޓަމް އަންނަ ސެޕްޓެމްބަރުމަހުގެތެރޭ ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރނަރު، އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ޤައުމީ ޕޭމަންޓު ސިސްޓަމްއާއެކު، ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް ޕޭމަންޓް އިންޑަސްޓްރީގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިގެންދިއުމާއެކު ޚަރަދުކުޑަކޮށް، ޕޭމަންޓް ހެދޭނެ ތަފާތު ގޮތްތައް މާކެޓަށް ނެރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އުރީދޫގެ އެމްފައިސާ ހިދުމަތް ވައިބަރ މެދުވެރިކޮށް ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރނަރު ހާޝިމް ވިދާޅުވީ ޕޭމަންޓު ސިސްޓަމް ތައާރަފްކުރުމުގެ މަސައްކަތް ލަސްވެފައިވަނީ ކޯވިޑާއި ގުޅިގެން ކަމަށެވެ.

" ކޯވިޑާއި އެކު މި މަސައްކަތްތަކަށްވެސް ބޭނުންވާ ބައެއް ސާމާނު ހޯދުމަށް ދަތިތަކާއި ވަނީ ކުރިމަތިވެފައި، އަދި ސްޓޭކްހޯލްޑަރުންވެސް މިކަމަށް ބޭނުންވާ ޓެކްނޮލޮޖީސްއާއި ސިސްޓަމް އަޕްގްރޭޑުތައް ގެނައުމުގައި ދަތިތަކެއް ކުރިމަތިވި، އެހެން ނަމަވެސް މި ދަތިތަކާއި އެކުވެސް އަންނަ ސެޕްޓެމްބަރުމަހުގެތެރޭ ސިސްޓަމް ލައިވް ކުރެވޭނެ،" ގަވަރނަރު ހާޝިމް ވިދާޅުވިއެވެ.

ގަވަރނަރު ހާޝިމް ވިދާޅުވީ ޤައުމީ ޕޭމަންޓު ސިސްޓަމްގެ ދަށުން އެކުލަވާލަންޖެހޭ ޕޭމަންޓު ސަރވިސަސްގެ ޤަވާއިދު އަންނަ ހަފްތާތެރޭ ގެޒެޓު ކުރެވޭނެ ކަމަށެވެ. އަދި މީގެއިތުރުން ރާއްޖެއަށް ޑިޖިޓަލް ފައިސާ ތައާރަފުކުރުމާއި، މިކަމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާއި ގުޅޭ ދިރާސާތައްވެސް އެމްއެމްއޭއިން ކުރިއަށްގެންދާކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ބޭރުގެ ކުންފުންޏަކާ އެކީ ސޮއިކުރެވިފައިވަނީ އޮކްޓޯބަރ 2020 ގައެއެވެ. އަދި ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމެއް ޤާއިމު ކުރުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ނުވަތަ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ވަގުތަށް ފައިސާ ފޮނުވާ ލިބިގަތުމުގެ މަގު ފަހިކޮށްދިނުމުންނެވެ.

މި ސިސްޓަމް ވުޖޫދަށް އައުމާއެކު ރާއްޖޭގެ ޕޭމަންޓް ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި، ތަފާތު ޒަމާނީ އަދި ޑިޖިޓަލް ޕޭމަންޓު ޚިދުމަތްތައް ތައާރަފުކުރުމަށް ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެގޮތުން މި ސިސްޓަމަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކަށާއި، ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި، އަދި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، މި ސިސްޓަމް މެދުވެރިކޮށް ހިނގާ ކޮންމެ މުއާމަލާތެއްގެ ފަސޭހަތައް އެއްހަމައެއްގައި ލިބުމަށް މަގު ފަހިވެގެންދާނެ ގޮތަށް ފަރުމާ ކުރެވޭ ސިސްޓަމެކެވެ.

މީގެ އިތުރުންވެސް ޤައުމީ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް ޒަމާނީ، އީޖާދީ ޕޭމަންޓް ސޮލިއުޝަންތައް ތަޢާރަފް ވެގެން ދިއުމަކީ އެމް.އެމް.އޭ ގެ އަމާޒެކެވެ. މިފަދަ ޚިދުމަތްތައް ތަޢާރަޕްވެގެން ދިއުމަކީ ނަގުދު ފައިސާ އާއި ޗެކް ފަދަ ވަސީލަތްތަކަށް ބަރޯސާވުން ކުޑަ ވެގެންދާނޭ ކަމެކެވެ.