ކުޅިވަރު

ފަހު 16 ޓީމަށް ދިއުމަށް އޮތް ފުރުސަތު ރޭންޖަރސްއަށް ބޮޑު


ޔުއޭފާ ޔޫރޮޕާ ލީގުގެ ގްރޫޕް އޮފް 32 ގެ ފުރަތަމަ ލެގްގައި ރޭންޖަރސް އާއި ބޮރޫޝިއާ ޑޯޓްމުންޑް ބައްދަލުކުރި މެޗް ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ރޭންޖަރސް ކާމިޔާބު ކޮށްފިއެވެ. ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗް ރޭންޖަރސް ކާމިޔާބު ކުރީ 4 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޑޯޓްމުންޑުންނެވެ. ނަމަވެސް ރޭންޖަރސްއިން ވަނީ އެޓީމަށް މެޗްގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ޖޭމްސް ޓެވެނިއަރއެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓްފަހުން އަލްފްރެޑޯ މޮރޭލޯސް ކާމިޔާބުކޮށްދިން ލަނޑާއެކު މިމެޗްގައި އެޓީމުން ލީޑު ފުޅާކުރިއެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓްގައި ރޭންޖަރސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ޖޯން ލުންޑްސްޓަރމްއެވެ. މިމެޗްގައި ޑޯޓްމުންޑްގެ ފުރަތަމަ ލަނޑު މެޗްގެ 51 ވަނަ މިނެޓްގައި ޖަހައިދިނީ ޖޫޑް ބެލިންގހަމްއެވެ. ނަމަވެސް މިލަނޑު ޖެހިތާ ތިން މިނެޓްފަހުން ޑޯޓްމުންޑްގެ ޑޭން އެލެކްސް ޒަގަޑޫ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ރޭންޖަރސްއަށް އަނެއްކާވެސް މިމެޗްގައި ތިން ގޯލްގެ ލީޑެއް ލިބިގެންދިޔައެވެ. މިމެޗްގައި ޑޯޓްމުންޑްގެ ދެވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހައިދިނީ ރަފައެލް ގަރޭރޯއެވެ.

މިކާމިޔާބީއާއެކު ދެވަނަ ލެގަށް ކުރިމަތިލާއިރު ރޭންޖަރސްއަށް މިވަނީ ފަހު 16 ޓީމަށް ދިއުމަށް އޮތް ފުރުސަތު ބޮޑު ވެފައެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ ރޭންޖަރސްގެ ދަނޑުގައެވެ.