ކުޅިވަރު

ފަހަތުން އަރާ 2 ލަނޑު ޖަހައިގެން އީގަލްސްއިން ޓީސީގެ މައްޗަށް ކުރި ހޯދައިފި


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިތުރު ވަގުތުގައި ކުލަބް އީގަލްސްއިން ޖެހި ދެ ގޯލްއާއެކު ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށްފިއެވެ. ރޭ ކުލަބް އީގަލްސްއިން މެޗް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗް ފަށައިގެން ދެ ޓީމްގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. ލީގްގައި ދެ ޓީމްގެވެސް ފުރަތަމަ މެޗްވުމުން، މެޗްގެ ކުރީކޮޅުގައި ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ނަމަވެސް މެޗްގެ ކުޅުން ކުރިއަށްދިޔަ ވަރަކަށް ދެ ޓީމުން ވެސް މެޗް ތެރެއަށްވަދެ، ރަގަނޅު ހަމަލާތަކެއް އުފެއްދަން ފެށިއެވެ. މެޗްގައި ގޯލް ޖެހުމަށް އެންމެ ފުރަތަމަ ފުރުސަތެއް ލިބިގެންދިޔައީ ކުލަބް އީގަލްސްއަށެވެ. އެޓީމްގެ ހަސަން ރާއިފް އަހުމަދު ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި ސިދާ ނުވެ ބޭރަށެވެ. އޭގެ ފަހުންވެސް އީގަލްސްގެ ހިސާމް ސަލީމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށްވެސް ހިފޭ ގޮތެއް ނުވިއެވެ. ޓީސީއިން ވަނީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ލަނޑެއްޖަހައި ލީޑް ނަގާފައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އަހުމަދު ސާމިއުއެވެ.

ދެވަނަ ހާފަށް ނިކުތްއިރު 1 ލަނޑު 0 ލަނޑުން ބަލިވެފައި އޮތުމުން ކުލަބް އީގަލްސްއިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެފައެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އީގަލްސްއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ޓީސީގެ ޑިފެންޑަރުން ދިފާއުކުރިއިރު، ބައެއް ހަމަލާތައް ވަނީ ޓީސީގެ ކީޕަރު ސުޖަން ދިފާޢުކޮށްފައެވެ. މިމެޗްގައި ޓީސީއިން ޖެހި ދެ ގޯލްވެސް ޖަހާފައިވަނީ މެޗްގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުކޮޅުގެ ތެރޭގައެވެ. އެގޮތުން އީގަލްސްގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާނެވެ. މިމެޗުން އީގަލްސްއަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދުއެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޯމަ ދުވަހުގެއެވެ. އެދުވަހު ހަވީރު ކުޅޭ މެޗްގައި ވާދަކުރާނީ ސުޕަ ޔުނައިޓެޑް(ސަސް) އާއި ޓީސީއެވެ. އަދި އެރޭ ކުޅޭ މެޗްގައި ވާދަކުރާނީ މާޒިޔާ އާއި އީގަލްސްއެވެ.