ޚަބަރު

އޭވިއޭޝަން އެކެޑަމީގެ ޕައިލެޓް ކޯހުގެ އަގުތައް ކަނޑައަޅައިފި


މޯލްޑިވްސް އޭވިއޭޝަން އެކެޑަމީން ހިންގާ ޕައިލެޓް ކޯހުގެ އަގުތައް ކަނޑައަޅައިފިއެވެ.

މޯލްޑިވްސް އޭވިއޭޝަން އެކެޑަމީއިން ބުނީ ޕައިލެޓް ކޯސް އިންޓަގްރޭޓެޑްކޮށް ކިޔަވާނަމަ ކޯސް ފީގެ ގޮތުގައި 58،007 ޑޮލަރު ނުވަތަ 894،468 ރުފިޔާ ދައްކަންޖެހެއެވެ. އަދި މޮޑިއުލާކޮށް ކިޔަވާނަމަ 59،626 ޑޮލަރު ނުވަތަ 919،479 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މޮޑިއުލާކޮށް ކިޔަވާ ނަމަ ތަމްރީނުތައް ބަހާލާފައިވާނީ އެކި ފިޔަވަހިތަކަކަށެވެ. އަދި ތަމްރީނުތައް ކުރިއަށް ގެެންދަން ޖެހޭނީ ޕްރައިވެޓް ލައިސެންސް ނެގުމަށް ފަހުގައެވެ. ނަމަވެސް އިންޓެގްރޭޓެޑްއިން ކިޔަވާނަމަ އަވަހަށް ކިޔެވުން ނިމޭނެއެވެ. މިގޮތުން 18 މަހާއި 24 މަސްދުވަސްތެރޭގައި އިންޓަގްރޭޓެޑް ޕްރޮގްރާމް ނިމެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީވެސް ބައިވެރިވެގެން ހިންގާ އޭވިއޭޝަން ސްކޫލްގެ ކިޔެވުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ވަނީ 35 ދަރިވަރުންނާ އެކު ފަށާފައެވެ. މިސްކޫލުން ފުރަތަމަ ދޭން ހަމަޖެހިފައިވަނީ ފްލައިން ޓްރެއިނިންގއެވެ. އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި އިތުރު ޕްރޮގްރާމްތައް ތައާރަފް ކުރެވިގެންދާނެއެވެ. މިފްލައިން އެކަޑަމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ ރިފްރެޝް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިން ކުރިއަށްދާނެއެވެ..

ޕައިލެޓުން ތަމްރީނުކުރުމަށްޓަކައި ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން ވަނީ އައްޑޫ ފްލައިން ސްކޫލެއް ހިންގާފައެވެ. އެތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭ ކަމަށް ބުނެ މިތަނުގެ ދަރިވަރުންގެ ޝަކުވާ ބޮޑުވެ އެތަނާއި މެދު ސަރުކާރުން ވަނީ ފިޔަވަޅުވެސް އަޅާފައެވެ.

އައު ފްލައިންގ ސްކޫލް ހުޅުވައިގެން ހިދުމަތްދޭން ފަށާފައިވާއިރު، ކުރިން ހިންގި ސްކޫލްގައި ކިޔެވި ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ވަނީ އިސްކަންދެއްވާފައެވެ.