ދުނިޔެ

ސޫރިޔާގެ މަޟާޔާގައި ކިރު ލީޓަރެއް 300 އެމެރިކާ ޑޮލަރަށް!


2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހުއްޓުމެއް ނެތި ހަމަލާތައް ބަދަލުކުރަމުންދާ ބައެއް ސަރަހައްދުތައް ހުރި އިރު، މީގެ ތެރެއިން ގިނަ ސަރަޙައްދުތަކަކީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައިވާ ސަރަހައްދުތަކެވެ.މި ރަށްތައް އިދިކޮޅު ފަރާތްތަކުގެ އަތްދަށުން މިނިވަންކުރުމަށް ސޫރިޔާގެ ސަރުކާރަށް ވާގިދޭ ސަލާމަތީ ބާރުތަކުން އެރަށްތަކަށް ވަރުގަދަ ހަމަލާތައް ދެމުންދެއެވެ.މިފަދަ ރަށްތަކަށް ދެމުންދާ ހަމަލާތަކާ އެރަށްތަކުގައި ހިނގާ ކުރިމަތިލުންތަކުގެ ސަބަބުން ސޫރިޔާގައި އިންސާނީ އެހީ ދިނުމަށް ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް ވެސް މި ރަށްތަކަށް ވަންނާކަށް ނުކުރެއެވެ. ނަތީޖާއަކަށް ވެފައިވަނީ އިންސާނީ އެހީއާ ކާބޯތަކެތީގެ އެއްވެސް އެހީއެއް ނުލިބި މީގެ ތެރެއިން ގިނަ ރަށްތަކުގެ މީހުން ބަނޑުހައިހޫނުކަމަށް ޖެހުމެވެ.މިފަދަ އެއް ރަށަކީ ސޫރިޔާ އާއި ލުބުނާން ހިއްސާކުރާ ސަރަހައްދީ ރޮނގު ކައިރިން އޮންނަ މަޟާޔާ ނަމަކަށް ކިޔާ ރަށެވެ. މިދިޔަ ބުރާސްފަތި ދުވަހު އދ އިން ބުނެފައިވަނީ މަދާޔާގެ ރައްޔިތުންގެ ޙާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށާ ބަނޑުހައިހޫނު ކަންމަތީ އެރަށުގެ މީހުން މަރުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ.42 ހާހަށް ވުރެ ގިނަ މީހުން އުޅޭ މަޟާޔާގައި ކާބޯތަކެތި ލިބެން ހުރި ނަމަވެސް، މައްސަލައަކީ ކާބޯތަކެތީގެ އަގުބޮޑުވުމެވެ. ވެރިރަށް ދިމިޝްޤުން 1.32 ޑޮލަރަށް ހަކުރު ކިލޯއެއް ލިބޭ އިރު މަޟާޔާއިން ހަކުރު ކިލޯ އެއް ލިބެނީ 200 އެމެރިކާ ޑޮލަރަށެވެ. 1.06 ޑޮލަރަށް ކިރު ލީޓަރެއް ދިމިޝްޤުން ގަންނަން ލިބޭ އިރު، މަޟާޔާއިން ކިރު ލީޓަރެއް ގަންނަން ލިބެނީ 300 އެމެރިކާ ޑޮލަރަށެވެ. ކަން މިހެން ހުރި އިރު، މަދާޔާގެ ގިނަ ރައްޔިތުން މިހާރު އުޅެމުންދަނީ ލޮނާ، ފެން އަދި ލުނބޮލާ ފަތްޕިލާވެލީގެ ބާވަތްތައް ކައިގެންނެވެ. އެރަށުގެ ކުޑަކުދިންނަށް ވެސް ކާން ލިބެނީ ލޮނާ ފެނެވެ.މަޟާޔާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ ހުއްދަ ސޫރިޔާ ސަރުކާރުން އދއަށް ދީފައިވާ އިރު، މިއެހީ އެރަށަށް ފޯރާނީ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކަމަށް އދ އިން ބުނެއެވެ. އަދި މަޟާޔާގެ ރައްޔިތުން އުޅެމުންދާ ހާލުގައި ސޫރިޔާގެ އެތަށް ރަށެއްގެ ރައްޔިތުން ވެސް އުޅެމުންދާ ކަމުގެ އިންޒާރު އދ އިން ވަނީ ދީފައެވެ.