ކުޅިވަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާ އަންނަ މަހު ބާއްވަނީ


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި މިއަންނަ މަހު އެވޯޑެއް ބާއްވަން ނިންމައިފިއެވެ. މިއީ ޔޫތު މިނިސްޓްރީއިން ކުޅިވަރު ދާއިރާއަށް އަމާޒްކޮށްގެން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. ސަރުކާރުން އެންމެ ފަހުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012ވަނަ އަހަރުއެވެ. އެއަހަރު އެވޯޑް ބާއްވާފައިވަނީ ގައުމީ ކުޅިވަރު އެވޯޑްގެ ނަމުގައެވެ. މިއަންނަ މަހުގެ 17ވަނަ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ. މިއެވޯޑާ ބެހޭގޮތުން މަޢުލުމާތުދިނުމަށް ޔޫތު މިނިސްޓްރީން ވަނީ އެސޯސިއޭޝަންތަކާއި ބައްދަލުކޮށްފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި 12 އެވޯޑެއް ދިނުމަށް ޔޫތު މިނިސްޓްރީއިން ވަނީ ނިންމާފައެވެ. ސްޕޯޓްސް އެވޯޑްގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި އެތުލީޓް އޮފް ދަ އިޔަރ އެވޯޑް އަންހެން އަދި ފިރިހެން، ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފްދަ އިޔަރ އެވޯޑް އަންހެން، ފިރިހެން، ފެޑެރޭޝަން ނުވަތަ އެސޯސިއޭޝަން އޮފް ދަ އިޔަރ އެވޯޑް، ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑު، މީޑިއާ އޮފް ދަ އިޔަރ އިން ސްޕޯޓްސް ކަވަރޭޖް އެވޯޑް އޮންލައިން އަދި ބްރޯޑްކާސްޓިން ހިމެނެއެވެ. މީގެ އިތުރުން މިއެވޯޑްސްގައި ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް، އަންހެން އަދި ފިރިހެން، ކޯޗް އޮފް ދަ އިޔަރ އެވޯޑް، އެންމެ އުއްމީދީ ޒުވާން ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ސްޕެޝަލް ރިކޮގްނިޝަން އެވޯޑް ބައި މިނިސްޓްރީ އޮފް ސްޕޯޓްސް ހިމެނެއެވެ.

ޔޫތު މިނިސްޓްރީއިން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރު ކުރިއަރުވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކޮށް، ކުޅިވަރުގެ ތަފާތު ދާއިރާތަކުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމެވެ. އަދި މި އެވޯޑަކީ ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ހުނަރާއި ވަނަތައް ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މުޖްތަމަޢުއެއް ބިނާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

ޔޫތު މިނިސްޓްރީއިން ދޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ އަހަރަކު އެއް ފަހަރު ދޭ އެވޯޑެއް ކަމަށް ވެސް ޔޫތު މިނިސްޓްރީއިން މަޢުމާތު ދެއެވެ.