ވިޔަފާރި

މިމަހުގެ 24ގައި މަންޓާ ދަތުރުތައް އައްޑޫއަށް ފަށަނީ


ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހިންގާ މަންޓާ އެއާރގެ ދަތުރުތައް އައްޑޫއަށް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ފަށާނެކަމަށް މަންޓާ އެކުންފުނިން ހާމަކޮށްފިއެވެ.

މަންޓާ އެއާއިން އައްޑޫއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު މިމަހުގެ 24 ވަނަ ދުވަހު ދަތުރު ފަށާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. މަންޓާ އެއާއިން ނެރުނު ނޫސް ބަޔާނުގައި ބުނީ މަންޓާގެ ޑޮމެސްޓިކް ދަތުރުތަކުގެ އަގުތައް ފެށޭނީ ކޮމްފޯޓް ސޭވާރ ޕެކޭޖުން 1450 ރުފިޔާއިން ކަމަށެވެ. އަދި އިތުރު އަގަކާ ނުލާއި ފުރާ ދުވަސް ކިތަންމެ ގިނައިންވެސް ބަދަލު ކުރެވިދާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

އައްޑޫއަށް ދަތުރުތައް ފެށުމާއި ގުޅޭ ގޮތުން އެކުންފުނީ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ މަންޓާގެ މި ދަތުރުތަކަކީ ގިނަ ބަޔަކު ބަލައިގަންނާނެ ދަތުރުތަކެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި މި ދަތުރުތަކުން ޑޮމެސްޓިކް ދަތުރު ތަކުގެ ތަޖުރިބާ މުޅިން ބަދަލު ކޮށްލާނެ ކަމުގެ ޔަޤީން ކަން އޭނާ ދެއްވައެވެ.

އައްޑުއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް މަންޓާއިން ތައްޔާރުވަމުން އަންނައިރު، ކޮންމެ ދުވަހަކުވެސް އެއް ފްލައިޓު އައްޑުއާއި މާލެއާ ދެމެދު ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ. އަދި ހޮނިހިރު ދުވަހު ސްރީލަންކަންގެ ޝެޑިއުލްއާ ދިމާކޮށް ހުވަދޫއަށްވެސް މަންޓާ އެއަރގެ ދަތުރުތައް ބާއްވަން ތައްޔާރުވަމުންދާކަމަށް މަންޓާއިން ބުނެއެވެ.

ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ދެ ކްލާހެއްގެ ޓިކެޓް ވިއްކާ ހަމައެކަނި އެއާލައިނަކީ މަންޓާއެވެ. އެގޮތުން އައްޑޫއަށް ކުރާ ދަތުރުތަކުގައިވެސް ކޮމްފޯޓް ކްލާސް ނުވަތަ އިކޮނޮމީ ކްލާސް އަދި ސެފަޔަރ ކްލާސް ނުވަތަ ބިޒްނަސް ޓިކެޓުތައް ވިއްކާނެއެވެ. މިގޮތުން ކޮމްފޯޓް ކުލާހުގައި 22 ކިލޯގެ ލަގެޖް އެލަވެންސެއް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ. އަދި ސެފަޔަރ ކްލާހުގައި 35 ކިލޯ ލަގެޖް އެލަވެންސް ލިބޭއިރު 5 ކިލޯ އަތުން އުފުލޭނެއެވެ.

މަންޓާއިން ހާމަ ކުރާ ގޮތުގައި އެކުންފުނީގެ އުދުހުންތަކުގައި ބޭނުން ކުރާ އޭޓީއާރު 72-600 މަރުކާގެ ބޯޓުތަކަކީ ދަތުރު ކުރާ ފަރާތްތަކަށް ރަނގަޅު ފެންވެރެއްގައި ޙިދުމަތް ދެވޭ އަދި ކެބިންގައި އެކަށީގެންވާ ޖާގަ ލިބޭނެ ގޮތަށް ގޮނޑިތައް އަތުރާލެވިފައިވާ ބޯޓުތަކެކެވެ.

އައްޑޫއާއި މާލެއާއި ދެމެދު ދަތުރުތަކަށް މިހާރު ޓިކެޓް ވިއްކަން ފަށާފައިވާއިރު އެކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އަދި ޓިކެޓް ވިއްކާ އޭޖެއްޓެއް މެދުވެރިކޮށްވެސް ޓިކެޓް ލިބޭނެ ކަމަށް މަންޓާއިން ހާމަ ކުރެއެވެ.