ރިޕޯޓް

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބަދަލުވުމަށް 60 ހާސް ރުފިޔާ !


ރާއްޖޭގެ ރަށްރަށަށް ބެހިފައިވާ ގޮތުން ގިނަ ރަށްރަށަކީ އެއްފަސްވެފައިވާ ރަށްތަކެއް ނޫނެވެ. މިކަމުގެ ސަބަބުން ތަރައްޤީ ހާޞިލްކުރުމަށް، ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ސަރުކާރުގެ ސިޔާސަތަކީ، ބިން ބޮޑު ސަރަޙައްދުތައް އާބާދީ އިތުރުކޮށްގެން ތަރައްޤީކުރުމެވެ.

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެއްރަށުން އަނެއްރަށައް ބަދަލުވާއިރު ބަދަލުވާ ކޮންމެ ގެއަކަށްވެސް ފަސްދޮޅަސްހާސް ރުފިޔާއަށްވުރެ ދަށްނުވާ އަދަދަށް ފައިސާ ދެއްވަން ސަރުކާރުން މިހާރު ނިންމަވާފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ކުރިން ސަރުކާރުން ދޫކުރައްވާފައިވަނީ ފަންސާސް ހާސް ރުފިޔާއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވިގޮތުގައި ބައެއް ރަށްރަށުން މިހާރުވެސް އާބާދީ ބޮޑެތި ރަށްރަށަށް ބަދަލުވުމަށް އެދި ހުށަހަޅާފައިވެއެވެ. މީގެތެރޭގައި ބައެއް ރަށްރަށުން ބަދަލުވުމަށް ހުށަހަޅާފައިވަނީ  90 އިންސައްތަ މީހުންގެ ސޮޔާއިވެސް އެކުގައެވެ. އާބާދީ ކުދި ރަށްތައް ހުޅުމާލެއަށް ބަދަލުކުރައްވައިގެންވެސް ތަރައްޤީކުރެއްވުމަށް ސަރުކާރުން ބޭނުންވެއެވެ.

ސަރުކާރުން މިވަގުތު ކުރިއަށް ގެންދަވާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ އައިހެވަން ޕްރޮޖެކްޓް ކުރިއަށް ގެންދެވުމަށްވެސް އެއްފަސްވެފައި އޮންނަ 14000 މީހުންގެ ގެ އާބާދީއެއް ބޭނުންވެއެވެ.

ތިމާގެ އުމުރުދުވަހު ދިރުއުޅެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ދިރިއުޅުން ބަދަލުކުރުމަކީ އެކަމުގެ ސަބަބުން ހިތްދަތި ތަޖުރިބާއެއް ކުރަންޖެހޭކަމެކެވެ. ސަރުކާރުގެ ވިސްނުންފުޅަކީ  އެއް ރަށުން އަނެއް ރަށަށް ގަދަކަމުން މީހުން ބަދަލުކުރެއްވުމުގެ ބަދަލުގައި ސަރަޙައްދުތަކެއް ތަރައްޤީކުރައްވައިގެން، އެތަންތަނަށް އަމިއްލައަށް ބަދަލުވާން މީހުންނަށް ހިތްވަރު ދެއްވުމެވެ. އެބައެއްގެ ރުހުމުގައި ބަދަލުކުރުމެވެ. މިކަމަށް މީހުން ހޭލުންތެރިކުރެއްވުމަށް މިނިސްޓްރީން މިއަހަރުވެސް މަސައްކަތް ކުރައްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޢިއްޒު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މިކަމަކީ ދަރިންގެ މުސްތަޤްބަލަށް ވިސްނާއިރުވެސް މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި އާބާދީ މަދުވުމުގެ ސަބަބުން ސްކޫލްތަކުގައި ބައެއް ގްރޭޑްތަކުގައި ކިޔަވާނެ ދަރިވަރުންވެސް ނެތި އެބަހުރިއެވެ. ބައެއް ރަށްރަށަށް ތަރައްޤީގެ ކަންކަން ޙާޞިލްކުރުމަށްޓަކައި ކުރަންޖެހޭ ހޭދައަކީ އާބާދީއާއި އަޅާބަލާއިރު އެހާ ފީސިބަލް ކަމަކަށްވެސް ނުވެއެވެ. އެހެންކަމުން ތަރައްޤީ ހާޞިލްކުރުމަށް އެއްފަސްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ މުހިންމުކަމެކެވެ.