ޗެންޕިއަންސް ލީގުގައި އިންޓަރގެ މައްޗަށް ލިރަޕޫލުން ކުރި ހޯދައިފިއެވެ. އިންޓަރގެ ދަނޑުގައި ކުޅުނު މެޗު ލިވަރޕޫލް ކާމިޔާބުކުރީ 2ލަނޑު ސުންލަނޑުންނެވެ.
ދިހަ އަހަރު ތެރޭ އިންޓައިން ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ނުކުތް ފުރަތަމަ ފަހަރު އެ ޓީމުން ރޭ ލިވަޕޫލާ ދެކޮޅަށް ނުކުތީ ވަރުގަދަ ރޫހެއްގައެވެ. ފުރަތަމަ ހާފުގައި އިންޓައިން ލީޑުނަގަން ތުރުކީގެ މިޑްފީލްޑަރު ހަކަން ޗަނޮއޮގްލޫ ޖެހި ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފައެވެ. އޭގެ ފަހުން އޭރިއާގެ ރޮނގުކައިރިން ލައުޓާރޯ މާޓީނޭޒް ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ލިވަޕޫލް މެޗުން މޮޅުވީ ދެވަނަ ހާފްގައި ގެނައި ބަދަލުތަކާއެކު ފަހު 15 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ.
މެޗުގެ 75 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. ދެ ވަނަ ހާފުގައި ޑިއޯގޯ ޖޮޓާގެ ބަދަލުގައި ކުޅެން އެރި ފިރްމީނޯ މި ގޯލު ޖެހީ އެންޑީ ރޮބަޓްސަން ނެގި ކޯނަރެއް ބޮލުން ކާމިޔާބުކޮށްގެންނެވެ. އޭގެ އަށް މިނިޓް ފަހުން، މެޗުގެ 83 ވަނަ މިނިޓްގައި އިންޓަ އޭރިއާތެރެއިން ވާޖިލް ވެން ޑައިކް ބޮލުން ޖައްސާލި ބޯޅައެއް ހޯދައި، މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް އެޓީމުގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ސަލާހު ޖެހި ބޯޅަ ގޯލަށް ވަނީ އިންޓަގެ ދެ ޑިފެންޑަރުން ކަޓުވާލާފައެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ކުޅުނު ހަތް މެޗު ވެސް އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ކުއާޓާގެ ޖާގަ އެއްކޮށް ޔަގީންކުރަން މާރިޗު މަހުގެ ނުވަ ވަނަ ދުވަހު އިންޓައާ ދެކޮޅަށް ލިވަޕޫލް ދަނޑުގައި އެއްވަރުކޮށްލައިގެން ވެސް މިހާރު ލިވަރޕޫލަށް ފުއްދާލެވޭނެއެވެ.