ކުޅިވަރު

ފަހު ވަގުތު ކޯމަން ކާމިޔާބުކުރި ލަނޑުން ބަޔާން މިއުނިކް ބަލިނުވެ ސަލާމަތްވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިގައި ރޭ ބަޔާން މިއުނިކުން ފަހުވަގުތު ޖެހި ގޯލުން ބަލިނުވެ، އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް އަތުން ސަލާމަތްވެއްޖެއެވެ. ޖަރުމަންގެ ޗެންޕިއަން ބަޔާން މިއުނިކާއި ރެޑްބުލް ސަލްޒްބާގް ބައްދަލުކުރި މެޗް ނިމުނީ 1 ލަނޑު 1 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މިމެޗްގައި އެންމެ ފުރަތަމ ލީޑްނަގާ ކުރި ހޯދީ ސަލްޒްބާގްއިންނެވެ. ފުރަތަމަ ހާފްގެ 21ވަނަ މިނެޓްގައި މިލަނޑު ސަލްޒްބާގަށް ކާމިޔާބުކޮށްދިނީ ޗުކްވުބުއީކޭ އަޑާމޫއެވެ. މިލަނޑަށްފަހު ވެސް ލީޑް ފުޅާކުރުމަށް ސަލްޒްބާގަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމްގެ ކުޅުންތެރިންނަށް ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗު ސަލްޒްބާގުން ލީޑް ކުރުމާއެކު ބަޔާނުން އެޓީމްގެ ކުޅުން ރަގަނޅުކޮށް، ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ގޯލް ޖެހުމަށް މަސައްކަތް ކުރިއެވެ.

މިމެޗަށް ބަޔާން ނިކުމެފައިވަނީ ޖަރުމަން ލީގުގައި ބޯކަމް އަތުން ބަލިވެގެންނެވެ. ލީގްގައި ބޯކަމް، ބަޔާން މިއުނިކްގެ މައްޗަށް ކުރި ހޯދީ 4 ލަނޑު 2 ލަނޑުންނެވެ. ސަލްޒްބާގް މެޗްގައި ލީޑް ކުރަމުން ދިއުމުން، ބަޔާން މިއުނިކުން ވަނީ މެޗުން ބަލިނުވެ ސަލާމްވުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. އެޓީމުން މެޗްގެ ފަހު ކޮޅުގައި ކުޅެފައިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެންނެވެ. ބަޔާންގެ ލެރޯއި ސާނޭ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަވަނީ ސަލްޒްބާގްގެ ކީޕަރު ފިލިޕް ކޯން މަތަކޮށްފައެވެ. ބަޔާންއިން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 90ވަނަ މިނެޓްގެ ތެރޭގައެވެ. މިލަނޑު ބަޔާންއަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. މިލަނޑު ކޯމަން ޖަހާފައިވަނީ ތޯމަސް މުލާގެ އެހީތެރިކަމާއެކުއެވެ. ބަޔާން ދަނޑުގައި ކުޅޭ ދެ ވަނަ ލެގު ކުޅެނީ މިއަންނަ މަހު 9ވަނަ ދުވަހުއެވެ.