ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ އެޕެރަންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިޕްރޮގްރާމްގައި މީޑިއާ ދާއިރާއިން ތަމްރީންވުމުގެ ފުރުޞަތު 25 މީހުންނަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ޕަބްލިކް ސަރވިސް މީޑިއާއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެޕެރަންޓިސްޝިޕް ޕްރޮގްރާމަކީ މީޑިއާގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ތެރެއިން މީޑިއާ ދާއިރާއާއި ގުޅޭ ތަމްރީނާއި ހުނަރު ދަސްކޮށްދޭނެއެވެ. އަދި ޢަމަލީ މައިދާނުގައި މަސައްކަތުގެ ތަޖުރިބާވެސް ފޯރުކޮށްދެވޭނެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމްގައި 5 ދާއިރާއަކުން ތަމްރީން ފުރިހަމަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. އޭގެތެރޭގައި ނޫސްވެރިކަން، ވީޑިއޯ އެންޑް ޓީވީ ޕްރޮޑަކްޝަން، ރޭޑިއޯ ޕްރޮޑަކްޝަން، ޚަބަރު ކިޔުން އަދި ޕްރޮގްރާމް ހުށައެޅުމުގެ ދާއިރާ ހިމެނެއެވެ.
ތަމްރީންތައް ކުރިއަށްގެންދާނީ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑު، ޕީއެސްއެމް ނިއުސްގައެވެ.
މި ޕްރޮގްރާމަކީ މީޑިއާގެ ދާއިރާއަށް މީހުން ޝައުގުވެރިކުރުވާ، މި ދާއިރާގައި މަސައްކަތްކުރުމަށް ތަޖުރިބާ ލިބިފައިވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްކެވެ. މިފަހަރުގެ ޕްރޮގްރާމްގައި 25 ބައިވެރިންނަށް ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިއީ 6މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ. އެޕެރަންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިންނަށް ދުވާލަކު 120ރުފިޔާގެ މަގުން މަހަކު 3000 ރުފިޔާގެ އެލަވަންސެއްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް މެދުވެރިކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލް 3ގެ ސެޓްފިކެޓަށް ކިޔެވުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.
ޕްރޮގްރާމްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށް ވުމާއިއެކު މަސައްކަތުގެ ތަޖުރިބާ ހޯދުމުގައި އުޅެމުން ޕްރޮގްރާމްގެ ތަމްރީންތައް ފުރިހަމަކުރެވޭ މީހަކަށްވުމެވެ.
އެޕެރަންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ހުށައެޅޭނެއެވެ. އެސްއެމްއެސް ކުރާނީ އޭ.ޕީ ޖެހުމަށްފަހު އެމީހެއްގެ ފުރިހަމަ ނަމާއި، އައިޑީ ކާޑް ނަންބަރާއި އަދި ގުޅޭނެ ނަންބަރު ޖެހުމަށްފަހުގައި 300އަށެވެ.
ބައިވެރިވުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނި މަރޗް މަހުގެ 3ވަނަ ދުވަހުގެ 16:00ގެ ނިޔަލަށެވެ.