ދުނިޔެ

ލީބިޔާގެ މައްސަލައަށް ހައްލެއް ހޯދަން އެހީވާނަން- މޯޣެރީނީ


ލީބިޔާގައި އުފެދިފައިވާ ދާޚިލީ މައްސަލަތައް ހައްލުކުރުމަށް އެގައުމަށް އެހީވުމަށް ބައިނަލްއަޤްވާމީ ދުނިޔެ އޮތީ ތައްޔާރަށް ކަމަށް ވިލާތުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ފެޑްރީކާ މޯޣެރީނީ ވިދާޅުވެއްޖެއެވެ.ތޫނިސްއަށް ވަޑައިގެން ލީބިޔާގެ ބޮޑުވަޒީރުކަމާއި އަލަށް ހަވާލުވެވަޑައިގެން ފަޔާޒް ސީރަޖާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މޯޣެރީނީ ވިދާޅުވީ، ލީބިޔާގައި ދެމުންދާ ޓެރަރިސްޓް ހަމަލާތަކަށް ދޭން އެންމެ ރަނގަޅު ޖަވާބަކީ ލީބިޔާގެ ރައްޔިތުން އެކަތިގަނޑަކަށްވެ ގުޅިގެން މަސައްކަތް ކުރުން ކަމަށާ، މިކަމުގައި ބައިނަލްއަޤްވާމީ ދުނިޔެއިން ލީބިޔާއަށް އެހީވާނެ ކަމަށެވެ. އެހެން ނަމަވެސް، ލީބިޔާގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރަން ޖެހޭނީ ލިބިޔާގެ ސިޔާސީ ފަރާތްތަކުން ކަން މޯޣެރީނީ ވަނީ ފާހަގަކުރައްވާފައެވެ. ލީބިޔާގައި އުފެދިފައިވާ ސިޔާސީ ކޯޅުންތައް ދުރުކުރުމަށް އދ އިން އިސްނަގައިގެން ބޭއްވި މަޝްވަރާތަކުން ވަނީ އެގައުމުގައި ގުޅިފައިވާ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވެފައެވެ.