ކުޅިވަރު

އާކިބްގެ ލަނޑުން ދަ ގްރާންޑޭ، ގްރީންއަތުން ބަލިނުވެ ސަލާމަތްވެއްޖެ


އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ސްރީލަންކާގެ ފޯވާޑް މުޙައްމަދު އާކިބްގެ ގޯލުން ގްރީން ސްޓްރީޓްސް އަތުން ބަލިނުވެ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ސަލާމަތްވެއްޖެއެވެ. މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުނެނެވެ. މިއާއެކު މިދެ ޓީމަށް ވެސް ވަނީ ޕޮއިންޓެއް ލިބިފައެވެ. މިމެޗަށް ނިކުތްއިރު ދެ ޓީމަށް ވެސް ވަނީ ބަދަލްތަކެއް އައިސްފައެވެ. އެގޮތުން ދަ ގްރާންޑޭއިން ވަނީ ލަންކާގެ ގައުމީ ޓީމްގެ ދެ ކުޅުންތެރިން ކަމަށްވާ މުޙައްމަދު އާކިބާއި ޗަމޯދް ދިލްޝަން ގެނެސްފައެވެ. ގްރީންއިން ވަނީ ބިދޭސީ ދެ ފޯވާޑުން ކަމަށްވާ އެލެކްޒެންޑާ އަވީލާގެ އިތުރުން ޖޯޑީ ބާޓް ގެނެސްފައެވެ.

މެޗްގައި ދެ ޓީމްގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗްގެ ފުރަތަމަ ހާފްގެ ކުރީކޮޅުގައި ނުރައްކާތެރި ގިނަ ހަމަލާތައް އުފައްދާފައި ވަނީ ގްރީންއިންނެވެ. މެޗްގެ ވަރަށް ކުރީކޮޅުގައި ގްރީންގެ ޢަލީ ޝާމިއު ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި ސީދާ ނުވެ ބޭރަށެވެ. މެޗްގައި އެންމެ ފުރަތަމަ ގޯލެއް ޖަހާ ލީޑް ނެގީ ގްރީން ސްޓްރީޓްސްއިންނެވެ. މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗްގެ 9ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ރިޟްވާ ވަހީދެވެ. މިލަނޑަށް ފަހުވެސް ގްރީންއަށް ލީޑް ފުޅާކުރުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މެޗްގައި ދަ ގްރާންޑޭއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ 29ވަނަ މިނެޓްގައެވެ. އިސްމާޢީލް ނަޒީހު ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗްގައި ދަ ގްރާންޑޭއިން ނަތީޖާ ހަމަހަމަކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 43ވަނަ މިނެޓްގައި މުޙައްމަދު އާކިބެވެ. މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމަށް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. އަދި ދެ ޓީމްގެ ގޯލް ކީޕަރުންގެ ފަރާތުންވެސް މެޗްގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ ފަހުކޮޅުގައި ދެ ޓީމްގެ ފަރާތުންވެސް ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔައެވެ.