ދުނިޔެ

އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ޢަމަލުކުރަން ފަށަނީ


އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެގައުމާ ދުނިޔޭގެ ބާރުތަކާ ދެމެދު ވެފައިވާ އެއްބަސްވުމަށް ވަރަށް އަވަހަށް ޢަމަލުކުރަން ފަށާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެއެވެ.ވޮޝިންޓަންގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ކެރީ ވިދާޅުވީ، އީރާނުގެ ނިއުކްލިޔަރ އެއްބަސްވުމަށް ޢަމަލުކުރުމާ ބެހޭ ގޮތުން އެގައުމުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފާއިވެސް އިއްޔެ ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުގެ ކުރިން އީރާނުން ފުރިހަމަ ކުރަން ޖެހޭ ކަންކަން އެގައުމުން ނިންމާނެކަމުގެ ޔަޤީންކަން އީރާނުން ދީފައިވާ ކަމަށްވެސް ކެރީ ވިދާޅުވިއެވެ. އަދި އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ތާރީޚް ކައިރިވާ ވަރަކަށް އީރާނުން އަޅާ ފިޔަވަޅުތައް ފުރިހަމަ ގޮތުގައި އަޅާތޯ ބެލުމަކީ އެމެރިކާގެ ޒިންމާއެއް ކަަމަށާ، މިކަން އެމެރިކާއިން ކުރަމުން ގެންދާނެ ކަމަަށް ވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.އީރާނާއި ދުނިޔޭގެ ހަ ބާރު ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ޗައިނާ އަދި ރަޝިޔާއިން ތާރީޚީ އެއްބަސްވުން ޤާއިމުކޮށްފައިވަނީ މިދިޔަ ޖުލައިމަހުއެވެ.