ޚަބަރު

ރަޝިޔާގެ ފައުޖުތައް އިތުރުކުރަނީ، ފަހަތަކަށް ނުޖައްސާ: އެމެރިކާ، ނޭޓޯ


ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ ރަޝިޔާގެ ފައުޖުތަކުގެ ޢަދަދު އިތުރުކުރަމުންދާކަމަށާއި ސިފައިންނާއި ބަރުހަތިޔާރުތައް ފަހަތަށް ޖައްސާފައިނުވާކަމަށް ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި އެމެރިކާއިން ތުޙްމަތުކޮށްފިއެވެ.

ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާކަމުގެ އިންޒާރު އެމެރިކާއާއި ނޭޓޯއިން ދީފައިވާ ދަނޑިވަޅެއްގައި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވެފައިވަނީ ވިލާތުގައި ހަނގުރާމައެއް ފައްޓަވަން ބޭނުންފުޅުނުވާކަމަށާއި ރަޝިޔާއިން ހަމައެކަނި ބޭނުންވަނީ ޔޫކްރެއިނުން ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢަތްތަކާ ދެކޮޅަށް އެ ޤައުމުގެ އިރުމަތީގައި އޮންނަ ދޮންބާސްގައި ހިންގަމުންދާ ޤަތުލުޢާއްމު ހުއްޓުވުމަށްކަމަށެވެ. އަދި އެއީ މަޝްވަރާކޮށްގެން ޙައްލުކުރެވޭނެ ކަމެއްކަމަށާއި ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އަސްކަރީ ފަރިތަކުރުންތަކެއް ބޭއްވުމަށްފަހު ރަޝިޔާގެ ފައުޖުތައް ފަހަތަށް ޖެހިފައިވާކަމަށްވެސް ޕުޓިންވަނީ ވިދާޅުވެފައެވެ. ނަމަވެސް ނޭޓޯއާއި އެމެރިކާއިން ބުނެފައިވަނީ ޕުޓިން ހެއްދެވީ އިތުރުފުޅެއްކަން ހާމަވައި ހެކިތަކެއް ލިބިފައިވާކަމަށާއި މަޝްވަރާކޮށްގެން މައްސަލަ ޙައްލުކުރުމަށް ޕުޓިންގެ އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން މުޅި ދުނިޔެއަށް އެނގިއްޖެކަމަށެވެ.

ޔޫކްރެއިންގެ އިރުމަތީ އަދި ދެކުނުގެ ސަރަޙައްދުތައް ކައިރިއަށް ޖަމާވެފައިވާ ރަޝިޔާގެ ފައުޖުތައް އެ ސަރަޙައްދުތައް ދޫކޮށް ދަތުރުކުރަމުންދާކަމަށް ބުނައި މަންޒަރުތަކެއް ރަޝިޔާގެ ދިފާޢީ ވުޒާރާއިންވަނީ ޢާއްމުކޮށްފައެވެ. ނަމަވެސް ނޭޓޯއާއި އެމެރިކާއިން ބުނެފައިވަނީ އެ ފައުޖުތައް ދަތުރުކުރަމުންދަނީ ފަހަތަށް ނޫންކަމަށާއި އެ ފައުޖުތަކުގެ މިޞްރާބު ހުރީ ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގާ ދިމާލަށްކަމަށެވެ. އަދި އެ ސަރަޙައްދުގައި ބަރުހަތިޔާރާއެކު ރަޝިޔާގެ 150،000 ސިފައިން ޙަރަކާތްތެރިވަމުންދާކަމަށާއި ކޮންމެ އިރަކުވެސް ޙަމަލާއެއް ދިނުމަށް ތައްޔާރުވެފައިވާކަމަށް ނޭޓޯއާއި އެމެރިކާއިންވަނީ ބުނެފައެވެ. އެމެރިކާގެ އަމިއްލަ ކުންފުންނަކުން ނަގާފައިވާ ސެޓަލައިޓު ފޮޓޯތަކަކުން ދައްކައި ގޮތުގައި އެ ސަރަޙައްދަށް ރަޝިޔާއިންވަނީ އިތުރު ސިފައިންނާއި ބަރުހަތިޔާރު ފޮނުވައިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ޓޭންކަރާއި މިސައިލާއި އެނޫންވެސް ބަރުހަތިޔާރު ހިމެނެއެވެ. އޭގެ އިތުރުން ބަރުހަތިޔާރާއެކު ރަޝިޔާގެ އެތައް ހާސް ސިފައިންނެއް ޔޫކްރެއިނުގެ ސަރަޙައްދީ ރޮނގު ކައިރިއަށް ދަތުރުކުރަމުންދާ މަންޒަރުތައް ފެންނަ ވީޑިޔޯތަކެއްވެސްވަނީ މީސްމީޑިޔާގައި ޢާއްމުވެފައެވެ.

ޔޫކްރެއިނުގެ ސަރުކާރުން ބުނެފައިވަނީ އިންޓަނެޓު މެދުވެރިކޮށް އެ ޤައުމުގެ އެކި ވުޒާރާތަކަށް ސައިބަރ ޙަމަލާއެއް ދީފައިވާކަމަށާއި އެ ޙަމަލާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެ ޤައުމުގެ ދިފާޢީ ވުޒާރާއަށްކަމަށެވެ. އަދި އެއީ ޔޫކްރެއިންނަށް ދުވަހަކުވެސް ކުރިމަތިލާން ނުޖެހޭވަރުގެ ވަރުގަދަ ސައިބަރ ޙަމަލާއެއްކަމަށާއި އެ ޙަމަލާގެ ފަހަތުގައި އޮތީ ރަޝިޔާކަމަށްވެސް ޔޫކްރެއިނުންވަނީ ތުޙްމަތުކޮށްފައެވެ. ނަމަވެސް ރަޝިޔާއިންވަނީ އެ ތުޙްމަތުތައް ދޮގުކޮށްފައެވެ. އަދި ޔޫކްރެއިނަށް އެއްވެސް ޙަމަލާއެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށްވެސް ރަޝިޔާއިންވަނީ ބުނެފައެވެ.

ދޮންބާސްގައި ޤަތުލުޢާއްމެއް ހިންގަމުންދާކަމަށް ޕުޓިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ރަޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިންވަނީ އެ ސަރަޙައްދަކީ މިނިވަން ޤައުމެއްކަމަށް ބަލައިގަންނަން ޕުޓިންނަށް ލަފާއެރުވުމަށް ފާސްކޮށްފައެވެ. އެ ގޮތަށް ޕުޓިން ޢަމަލުކުރައްވައިފިނަމަ އެ ސަރަޙައްދު ސީދާ ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަށް މަގުފަހިވާނެއެވެ. އަދި އެ ނިންމުމުގެ ސަބަބުން ރަޝިޔާއާއި ޔޫކްރެއިންނާއި ނޭޓޯއާއި ވިލާތުގެ އިއްތިޙާދާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. ތަފާސްހިސާބުތަކުން ދޮންބާސްގައި ވަކިވެގަންނަން މަސައްކަތްކުރާ ޖަމާޢަތްތަކާއި ޔޫކްރެއިނުގެ އަސްކަރިއްޔާއާ ބަދަލުކުރަމުންދާ ޙަމަލާތަކުގައި މިހާތަނަށްވަނީ 15،000އަށްވުރެ ގިނަ މީހުން މަރުވެފައެވެ.

ރަޝިޔާއިން ބުނެފައިވާ ގޮތުގައި ޔޫކްރެއިނުގެ ސަރަޙައްދީ އޮނގު ކައިރިއަށް ސިފައިންނާއި ބަރުހަތިޔާރު ޖަމާކުރީ ޔޫކްރެއިންގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުމުގެ ސަބަބުން ރަޝިޔާއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށްކަމަށެވެ. ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކުގައި ދިރިއުޅެނީ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނެވެ. އެ ސަރަޙައްދުތައް ޔޫކްރެއިނުގެ ދަށަށް ގޮސްފައިވަނީ 1991 އަހަރުގެ ތެރޭގައި ރޫސީވިލާތް ރޫޅުމުންނެވެ. ޔޫކްރެއިނުގެ އިރުމަތީގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ މީހުން ބޭނުންވަނީ ރަޝިޔާގެ ބާރުގެ ދަށަށް ބަދަލުވުމަށެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ދޮންބާސަކީ މިނިވަން ޤައުމެއްކަމަށް ރަޝިޔާއިން ޤަބޫލުކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ނިންމުމެއްކަމަށާއި އެފަދަ ނިންމުމެއްގެ ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ. އަދި ރަޝިޔާއިން ހަމައެކަނި ކުރަންވީ ކަމަކީ މަޝްވަރާކޮށްގެން ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދުންކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދުވަނީ ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ވަކިވެގަތުމަށް ހަނގުރާމަކުރަމުންދާ ޖަމާޢަތްތަކަށް ރަޝިޔާއިން މާލީ އަދި އަސްކަރީ އެހީތެރިކަމާއި ފޯރުކޮށްދެއެވެ.

2008ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއާ އިންވެގެން އޮންނަ ޖޯޖިޔާގައި ދިރިއުޅޭ ރަޝިޔާ ބަހުން ވާހަކަދައްކައި ކުރީގެ ރަޝިޔާގެ ރައްޔިތުންނާ ދެކޮޅަށް ޖޯޖިޔާގެ އަސްކަރިއްޔާއިން ޤަތުލުޢާއްމެއް ހިންގުމުން ރަޝިޔާއިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޖޯޖިޔާއަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް އެ ސަރަޙައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އެ ސަރަޙައްދުތަކުން ރަޝިޔާގެ ފައުޖުތައް ފޭބީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ގޯނާއެއް ނުކުރާނެކަމުގެ ޔަޤީންކަން ޖޯޖިޔާއިން ދިނުމުންނެވެ.