ޚަބަރު

ޔަހޫދީންގެ ބޮޑުވަޒީރެއް ފުރަތަމަ ފަހަރަށް ބަޙްރައިނަށް


އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ އިތުރަށް ގުޅުން ބަދަހިކުރަން ބަޙްރައިނުން އެއްބަސްވެއްޖެއެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ބަޙްރައިނަށް ވަޑައިގެންނެވި ޔަހޫދީންގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާއެކު ކުރި މަޝްވަރާތަކުގައި ފެނާއި ކާބޯތަކެތި ޔަޤީންކުރުމާއި ހަކަތައާއި ވިޔަފާރީގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމަށް ދެ ޤައުމުންވަނީ އެއްބަސްވެފައެވެ. އޭގެ އިތުރުން ޓެކްސާބެހޭ މުޢާހަދާއެއްގައި ސޮއިކުރުމަށްވެސް ދެ ޤައުމުންވަނީ އެއްބަސްވެފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އެކަށީގެންވާ މިންވަރަށް ވިޔަފާރީގެ މުޢާމަލާތްތައް ނުހިންގާކަން ފާހަގަކުރައްވައި ބެނެޓުވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ދެ ޤައުމުގެ ދެމެދުގައި ކުރައި ވިޔަފާރިތައް އިތުރުކުރުމަށް ބާރުއަޅުއްވައިފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް އޮންނަ ބަޙްރައިނަށް ކުރެއްވި ދަތުރުފުޅުގައި ބެނެޓު އެންމެ ބޮޑު އިސްކަމެއްދެއްވީ އީރާނުގެ ނުރައްކާތެރިކަން ސާފުކޮށްދެއްވުމަށެވެ. އަދި އިރާނާއި އެ ޤައުމުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކާ ދެކޮޅަށް ގުޅިގެން ކުރިމަތިލުމަށް ބެނެޓު ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. އެ ގޮތުން ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢަތުން ސަޢުދީ ޢަރަބިއްޔާއަށާއި ޔޫއޭއީއަށް ދެމުންދާ ޙަމަލާތަކަށް ބެނެޓުވަނީ އަލިއަޅުއްވާލައްވައިފައެވެ. އޭގެ އިތުރުން ޔަހޫދީންގެ އަސްކަރީ މަންދޫބެއް ބަޙްރައިނަށް ޢައްޔަންކުރުމާ ގުޅޭގޮތުންވެސް އޭނާވަނީ މަޝްވަރާކުރައްވައިފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ބެނެޓު ވިދާޅުވީ މެދުމިނުގެ ޢަރަބި ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ސަލާމަތީ ގޮތުންނާއި ވިޔަފާރީގެ ދާއިރާ ފުޅާކޮށް އެ ސަރަޙައްދަށް ހަމަޖެހުން ގެނައުމަކީ އިސްރާއީލުން ބޭނުންވާ ގޮތްކަމަށެވެ. އަދި އެއް ވިސްނުމެއްގެ ޤައުމުތައް ގުޅިގެން ދުޝްމަނު ޤައުމުތަކާ ކުރިމަތިލުން މުޙިއްމުކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ. ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި ޢަރަބި ޤައުމުތަކުން ބޭއްވި އަސްކަރީ ތަމުރީންތަކުގައި ޔަހޫދީންގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ފުރަތަމަ ފަހަރަށް ބައިވެރިވެފައެވެ. އެ ފަރިތަކުރުންތަކުގައި ޔޫއޭއީއާއި ބަޙަރައިނުންވެސްވަނީ ބައިވެރިވެފައެވެ.

ސުންނީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ބަޙްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބެނެޓުވަނީ އެ ޤައުމުގެ ރަސްގެފާނު ހަމަދު ބިން ޢީސާ އާލްޚަލީފާއާއި ވަލީއަހުދު ސަލްމާން ބިން ހަމަދު އާލްޚަލީފާއާ ބައްދަލުކުރައްވައިފައެވެ. ބެނެޓުގެ ދަތުރުފުޅާ ދެކޮޅަށް އެ ޤައުމުގައި ޝިއީންގެ އަޣްލަބިއްޔަތު އޮންނަ ބައެއް ސަރަޙައްދުތަކުގައިވަނީ މުޒާހަރާކޮށްފައެވެ.