ދުނިޔެ

އިރާޤަށް ސިފައިން ފޮނުވުމަކީ ރަނގަޅު ނިންމުމެއް- ތުރުކީ ރައީސް


އިރާޤުގެ އުތުރުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ހައްދު ފަހަނައަޅާފައިވާ އައި.އެސް ޖަމާޢަތުން ހަމަލާ ދިނުމާ ގުޅިގެން އެސަރަޙައްދަށް ތުރުކީ ސިފައިން ފޮނުވުމަށް ތުރުކީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ސާބިތުވާކަމަށް ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.އިސްތަންބުލްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތުރުކީވިލާތުގެ ރައީސް ވިދާޅުވީ، އައި.އެސް ޖަމާޢަތުން ދިން ހަމަލާގައި ހަނގުރާމަވެރިންގެ 11 މީހުން މަރުވި އިރު ތުރުކީ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާ ކަމަށެވެ. ބަޝިޤާއަށް ހުރި ނުރައްކާތަކުން އެރަށް ދިފާޢު ކުރުމަށް ކަމަށް ބުނެ ތުުރުކީއިން މިދިޔަ މަހު ވަނީ އެރަށަށް 150 ސިފައިންގެ ފައުޖެއް ފޮނުވާފައެވެ. އެހެން ނަމަވެސް އިރާޤު ސަރުކާރުން މިކަމާ ދެކޮޅަށް ވަނީ އދގެ ސަލާމަތީ މަޖިލީހުގައި ވެސް ވާހަކަ ދައްކާފައެވެ.އުރުދުޣާން ވިދާޅުވީ، އިރާޤަށް ތުރުކީ ސިފައިން ފޮނުވި މައްސަލަ އިރާޤުން ބޮޑުކުރީ، ސޫރިޔާގެ މަތިން ދަތުކުރަމުން ދިޔަ ރަޝިޔާގެ ހަނގުރާމަ މަތީ މަތިންދާބޯޓެއް ތުރުކީއިން ވައްޓާލި ޙާދިސާއަށް ފަހު ތުުރުކީއާ ރަޝިޔާއާ ދެމެދު އޮންނަ ގުޅުން ހީނަރުވުމުގެ ސަަބަބުން ކަމަށެވެ.