ކުޅިވަރު

މެޗުން ބަލިވީ ކުޅުންތެރިން މާބޮޑަށް ހާސްވީމަ - އެންޖަލީނާ


މެޗުން ބަލިވި ނަމަވެސް ސީޝެލްސް ކުޅުންތެރިން މެޗްގައި ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށް ސީޝެލްސްގެ ކޯޗް އެންޖަލީނާ ޗުއަރ ބުނެފިއެވެ. އެކުވެރިކަމުގެ މެޗްގައި ރާއްޖެއިން ރޭ ވަނީ ސީޝެލްސްގެ މައްޗަށް 1 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މިއީ 9 އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ގަލޮޅު ބޯޅަ ދަނޑުގައި މެޗެއް ކުޅުނު ފުރަތަމަ ފަހަރުއެވެ. އެންމެ ފަހުން ގައުމީ އަންހެން ޓީމް މިދަނޑުގައި މެޗެއް ކުޅެފައިވަނީ 2013ވަނަ އަހަރު ގަތަރާއި ދެކޮޅަށެވެ. މިއީ ސިޝެލްސްއިން ވެސް ފާއިތުވެގެންދިޔަ 7 އަހަރުގެ ތެރޭގައި ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ.

ރޭގެ މެޗްގައި ރާއްޖެއިން ޖެހި ހަމައެކަނި ގޯލް ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. މެޗްގެ ދެވަނަ ހާފްގައި ސީޝެލްސްއިން ވަނީ ރަގަނޅު ކުޅުމެއްދައްކާ ލަނޑު ޖެހުމަށްވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ސީޝެލްސްގެ ކޯޗް އެންޖަލީނާ ޗުއަރ ބުނީ ގިނަ ދުވަސްތަކަކަށްފަހު، ކުޅުނު މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށެވެ. ކޯޗް އެންޖަލީނާ ޗުއަރބުނީ 1 ލަނޑު 0 ލަނޑުން ބަލިވެފައި އޮތްނަމަވެސް، މެޗްގެ ދެވަނަ ހާފްގައި ޓީމްގެ ފަރާތުން ފެނުނީ ވަރަށް ރަގަނޅު ކުޅުމެއްކަމަށެވެ. އަދި މިފަދަ މެޗްތަކަށް ޓީމްގައި ގިނައިން އާ ކުޅުންތެރިން ތިބުމުން، ބައެއް ވަގުތުތަކުގައި އެކުޅުންތެރިން މާ ބޮޑަށް ހާސްވާތަން ވެސް ފެނުނުކަމަށް ކޯޗް އެންޖަލީނާ ޗުއަރ ބުންޏެވެ.

"މެޗުން މޮޅުވުމަށް ކުޅުންތެރިން ވަރަށް މަސައްކަތްކުރި، ކުޅުންތެރިން ހިތްވަރު އެލުވާނުލައި ކުރި މަސައްކަތް ފާހަގަކޮށްލެވޭ. ކުޅުންތެރިން މަސައްކަތްކޮށްފައިވަނީ ގައުމަށްޓަކައި. މެޗްގެ ކުރީކޮޅުގައި ކުޅުންތެރިން ފެނުނީ ވަރަށް ބޮޑަށް ހާސްވެގެން އުޅުނުތަން. ނަމަވެސް މެޗް ކުރިއަށްދިޔަ ވަރަކަށް ކުޅުންތެރިން ހަމަޖެހިގެން ކުޅުނުތަން ފެނިގެންދިޔަ. ރާއްޖެއިން ލަނޑު ޖެހީ ހެދުނު ގޯހަކުން. ނަމަވެސް ފަހުން ސީޝެލްސްއިން ވަނީ ހެދުނު ގޯސްތައް ރަގަނޅުކޮށްފަ." ކޯޗް އެންޖަލީނާ ޗުއަރ ބުންޏެވެ.

އެކުވެރިކަމުގެ ދެވަނަ މެޗްގައި މިއަންނަ ހުކުރު ދުވަހުގެ ރޭ ރާއްޖެ ނިކުންނާނީ ސީޝެލްސްއާއި ދެކޮޅަށެވެ. އަދި އާދިއްތަ ދުވަހުގެ ރޭ ސައުދި އަރަބިއްޔާ ޓީމް ނިކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. އެކުވެރިކަމުގެ ފަހު މެޗްގައި ރާއްޖެއިން ނިކުންނާނީ ސައުދި އަރަބިއްޔާއާއި ދެކޮޅެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭގައެވެ.