ކުޅިވަރު

ނޫރާގެ ގޯލުން ރާއްޖެއިން ސީޝެލްސްގެ މައްޗަށް ކުރި ހޯދައިފި


9 އަހަރު ފަހުން ގަލޮޅު ބޯޅަ ދަނޑުގައި ގައުމީ އަންހެން ޓީމް ކުޅުނު އެކުވެރިކަމުގެ މެޗްގައި ޝީޝެލްސް 1 ލަނޑު 0 ލަނޑުން ބަލިކޮށްފިއެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ގައުމީ ޓީމަށް މެޗްގެ ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ މަރިޔަމް ނޫރާއެވެ. 2013ވަނަ އަހަރު ގައުމީ އަންހެން ޓީމު ވަނީ މާލޭގައި ގަތަރާއި ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗް ކުޅެފައެވެ. އެދެ މެޗް ކާމިޔާބުކޮށްފައިވަނީ ރާއްޖެއިންނެވެ. މީގެ ނުވަ އަހަރު ކުރިން މާލޭގައި ކުޅުނު ޓީމްގެ ކުޅުންތެރިންގެ ތެރެއިން މިހާރު ޓީމްގައި ތިބީ ވަރަށް މަދު ކުޅުންތެރިންނެވެ. އެހެންކަމުން މިއީ ޒުވާން ގައުމީ ޓީމުން ހޯދި ވަރަށް ޚާއްސަ ކާމިޔާބީއެކެވެ.

އެކުވެރިކަމުގެ ފުރަތަމަ މެޗް ފެށިގެން މޮޅަށް ކުޅެ، ހަމަލާތަށް އުފައްދަން މަސައްކަތްކޮށްފައިވަނީ ސީޝެލްސްއިންނެވެ. އެޓީމުން ދިޔައީ ރާއްޖޭގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. ސީޝެލްސްއިން ރާއްޖޭގެ ފަހަތަށް ބާރު ބޮޑު ކުރަމުންދިޔަ ނަމަވެސް، މެޗްގެ 10ވަނަ މިނެޓްގައި ރާއްޖެއިން އުފައްދަން މަސައްކަތް ކުރި ހަމަލާއެއްގައި، ސީޝެލްސްގެ ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގެ ފައިދާނަގައި ރާއްޖޭގެ މަރިޔަމް ނޫރާ ވަނީ ގޯލް ތެރެއަށް ބޯޅަ ވައްދާލާފައެވެ. މިގޯލާއެކު މެޗްގެ އޮއިވަރު ވަރަށް ބޮޑަށް ބަދަލްވެގެންދިޔައެވެ. މެޗްގެ ކުޅުންކުރިއަށްދިޔަ ވަރަކަށް ރާއްޖޭގެ އަންހެން ޓީމުން ދިޔައީ މެޗްގެ ތެރެއަށް ވަދެ، މޮޅަށް ކުޅެމުންނެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގައި ރާއްޖެއަށް ލީޑް ފުޅާ ކުރުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. އެގޮތުން ފާތިމަތު ތީބާ އަދި ފާތިމަތު ޝާލިޔާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ކުޅުންތެރިންނަށް ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މެޗްގެ ފުރަތަމަ ހާފްއާއި ހިލާފަށް މެޗްގެ ދެވަނަ ހާފްގައި އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ރާއްޖޭއިންނެވެ. ޝާލިޔާ ފޮނުވާލި ހިލޭ ޖެހުންވަނީ ސީޝެލްގެ ކީޕަރު މެންޑީ ދިފާޢުކޮށްފައެވެ. މެޗްގައި ސީޝެލްސް އަށް ގޯލެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމްގެ ފޯވާޑް ނަތާޝާ ބިބީއަށެވެ. ރާއްޖެއިންވެސް މިހާފްގައި ނުކައްތާރި ދެ ތިން ހަމަލާއެއް އުފެއްދިނަމަވެސް، މެޗްގެ ދެވަނަ ހާފްގެ ފަހުކޮޅުގައި ސީޝެލްސްއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުދައްދާފައެވެ. މިހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ފަހަތަށް ކުޅެމުންދިޔަ ކުޅުންތެރިންނާއި ކީޕަރު އާމިނަތު ލީޒާގެ މޮޅު ކުޅުން ފާހަގަކޮށްލެވުނެވެ.

މިރޭގެ މެޗުން ރާއްޖެ މޮޅުވިއިރު، މިއީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ ބަލިކޮށް ތިން ވަނަ ހޯދި ފަހުން ލިބުނު ފުރަތަމަ މޮޅެވެ. ރާއްޖޭގެ އަންހެން ޓީމުން އެކުވެރިކަމުގެ އިތުރު ދެ މެޗެއް ކުޅޭނެއެވެ. ދެވަނަ މެޗްގައި މިއަންނަ ހުކުރު ދުވަހުގެ ރޭ ސީޝެލްސްއާއި ދެކޮޅަށް ނިކުންނައިރު، މިއަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ރާއްޖެ ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

މިރޭގެ މެޗު ފެށުމުގެ ކުރިން އެފްއޭއެމްގެ ފަރާތުން ވަނީ މައިލޯގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައިވާ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރެ، ދިޝާން ވިޖަޔަވަރްދަނާ ފުޓްބޯޅަ އާއި ދިވެހި ކުޅިވަރަށް ކޮށްދެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކޮށްފައެވެ.