ޒުވާން ޓީމަކާއެކު ނިކުމެ ސިޝޭލްސްގެ މައްޗަށް ކުރި ހޯދުމަކީ ފާހަގަކޮށްލަންޖެހޭ ކާމިޔާބީއެއްކަމަށް ގައުމީ އަންހެން ޓީމްގެ ކޯޗް ސާބިއާގެ ޑޭވޯ ބާބާ ބުނެފިއެވެ. ގައުމީ އަންހެން ޓީމް މިހާރުދަނީ ކުރިއަށް އޮތް ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ސީޝެލްސް އަދި ސައުދި އަރަބިއްޔާއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކަކީވެސް ސާފް ޗެންޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ކުޅެވޭ މެޗްތަކެކެވެ.
އެކުވެރިކަމުގެ މެޗްގައި ރާއްޖެއިން ސީޝެލްސްގެ މައްޗަށް ކުރި ހޯދީ 1 ލަނޑު 0 ލަނޑުންނެވެ. މެޗަށްފަހު ވާހަކަދައްކަމުން ގައުމީ އަންހެން ޓީމްގެ ކޯޗް ސާބިއާގެ ޑޭވޯ ބާބާ ބުނީ މިއީ މިވަގުތު އޮތް ގައުމީ ޒުވާން ޓީމަށް ލިބުނު ވަރަށް ބޮޑު އަދި ވަރަށް ޚާއްސަ ކާމިޔާބީއެއްކަމަށެވެ. މިހާރު ގައުމީ ޓީމަށް ބޮޑު ބަދަލްތަކެއް އައިސްފައިވާއިރު، ޓީމުގައި މިހާރު ގިނައީ ޒުވާން ކުޅުންތެރިންނެވެ. ކޯޗް ޑޭވޯ ބާބާ މެޗްގެ ފުރަތަމަ ހާފްގައި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަމަށާއި ނަމަވެސް މެޗްގެ ދެވަނަ ހާފްގައި، ފުރަތަމަ ހާފްގައި ދެއްކި ކުޅުންތަކުރާރު ކުރެވޭ ގޮތް ނުވީކަމަށެވެ. ޚާއްސަކޮށް ޓީމުގައި އާ ކުޅުންތެރިން ގިނަ ވުމުން އެކުޅުންތެރިން މެވްގެ ދެވަނަ ހާފްގައި މާބޮޑަށް ޕްރެޝަރަށް ދިޔައީކަމަށް ކޯޗް ޑޭވޯ ބާބާ ބުންޏެވެ.
"މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭ. ކުޅުންތެރިން ވަރަށް ހިތްވަރުވެސް ކުރި. މަސައްކަތްވެސް ކުރި. މިހާރު ޤައުމީ އަންހެން ޓީމަކީ ވަރަށް އާ ޓީމެއް. ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިން. މެޗްގެ ފުރަތަމަ ހާފްގައި ޓީމް ރަގަނޅަށް ކުޅުނު، ނަމަވެސް ދެވަނަ ހާފްގައި މާ ބޮޑަށް ކުޅުންތެރިން ހާސްވީ. އެހެންވެ މެޗްގެ ދެވަނަ ހާފްގައި ރަގަނޅަށް ނުކުޅެވުނީ. ދެވަނަ ހާފްގައި ގިނަ ފުރުސަތު ނުލިބުނީވެސް އެހެންވެގެން. ކުޅުންތެރިން މާބޮޑަށް ޕްރެޝަރަށް ދިޔައީ. ނަމަވެސް ޕްރެޝަރު ވަގުތުގައިވެސް، ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭ. އަދި މިޓީމް ރަގަނޅުވާނެ. މެޗަކަށްފަހު މެޗެއް ރަގަނޅުވާނެ." ކޯޗް ސާބިއާގެ ޑޭވޯ ބާބާ ބުންޏެވެ.
މިއީ ސާބިއާގެ ޑޭވޯ ބާބާގެ އިރުޝާދުގެ ދަށުން ގައުމީ އަންހެން ޓީމް ކުޅުނު ބައިނަލްއަގްވާމީ ފުރަތަމަ މެޗެވެ. ގައުމީ ޓީމްގެ ކޯޗް ޑެވޯ ބާބާއަކީ ވަރަށް ތަޖްރިބާކާރު ކޯޗެކެވެ. އޭނާވަނީ ބަންގްލަދޭޝްގެ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗްކަމާއި މޮންގޯލިއާ އާއި އޮމާންގައިވެސް ކޯޗިންގެ އެކިއެކި މަސައްކަތްކޮށްފައެވެ.