ޚަބަރު

ތިނަދޫން މީހުން ބޭލި ހާދިސާގެ ޢާއްމު އަޑުއެހުމުގައި ބަޔާންދިނުމަށް ނަންނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފި


1962ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާގެ ޢާއްމު އަޑުއެހުމުގައި ބަޔާންދިނުމަށް ނަންނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބޮޑްސްޕާސަންގެ އޮފީހުން ވިދާޅުވި 1962ވަނަ އަހަރު ގދ. ތިނަދޫއިން މީހުން ބޭލި ހާދިސާގައި ނިޒާމީ ސިފައެއްގައި ރާވައިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ އިދާރާއެއްގެ އިސް ހިންގުންތެރިއަކު ހިންގި ކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮމްބޮޑްސްޕާސަން އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ޢާއްމު އަޑުއެހުމުގައި ބަޔާންދިނުމަށް ނަންނޯޓުކުރުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށެވެ.

މިއީ މިމައްސަލާގައި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނާއި، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން ބޭއްވުމަށް ނިންމާފައިވާ ޢާއްމު އަޑުއެހުންތަކުގައި ބަޔާންދިނުމަށް ބޭނުންވާ މީހުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި މައްސަލައިގެ އަޑުއެހުންތައް މި އަހަރުގެ މާޗު މަހުގެ 03 އިން 05 ވަނަ ދުވަހު ގދ. ތިނަދޫގައި އަދި މި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް މާރިޗު މަހުގެ 18 އަދި 19 ވަނަ ދުވަހު މާލޭ ސިޓީގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންތިޤާލީ އިންސާފުގެ އޮމްބޮޑްސްޕާސަން އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ޢާއްމު އަޑުއެހުންތަކުގައި ބަޔާންދިނުމަށް އެދޭ މީހުން ނަން ނޯޓުކުރުމަށް 24 ފެބުރުވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެމީހެއްގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރ، ގުޅޭނެ ނަންބަރ، ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެސް ހިމެނޭހެން، އިންތިޤާލީ އިންސާފުގެ އޮމްބޮޑްސްޕާސަން އޮފީހަށް އަންގަންޖެހެއެވެ. އަދި މި ހާދިސާއާ ގުޅޭގޮތުން ނުވަތަ މަޢުލޫމާތު އެނގޭ ގޮތް، ބަޔާންދޭ ބޭނުންވަނީ ލިޔުމުންތޯ ނުވަތަ ހާޒިރުވެގެންތޯއާއި ބަޔާންދޭން ބޭނުންވަނީ ގދ. ތިނަދޫގައިތޯ ނުވަތަ މާލޭ ސިޓީގައިތޯ ބަޔާންކޮށް ހުށަހަޅަންޖެހެއެވެ.