ޔުޓިލިޓީ ދާއިރާގައި ހުރި ފުރުޞަތުތަކަށް އަހަރަކު 120 މީހުން ތަމްރީންކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ފެނަކައާ ދެމެދު ސޮއިކޮށްފިއެވެ. މިއީ ދެ އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ.
މި އެއްބަސްވުމަކީ ނެޝަނަލް އެޕެރަންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ވަޒީފާއާއި ގުޅުންހުރި މަސައްކަތްތަކަށް ތަމްރީންކުރުމުގެ ޕްރޮގްރާމެކެވެ. ޒުވާނުން ތަމްރީންކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮގް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލްއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުއެވެ.
ޔޫތު މިނިސްޓްރީއާއި ފެނަކައާއި ދެމެދު އެއްބަސްވެފައިވަނީ ކަރަންޓާއި ފެނާއި ނަރުދަމާ ޚިދުމަތުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ބިނާކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއާއި ދެމެދު ވެވޭ ފަހުމުނާމާގައި މިއަދު ވަނީ ސޮއިކުރެވިފައެވެ. pic.twitter.com/rrTuRODs0Y
— Fenaka Corporation Ltd (@TeamFenaka) February 15, 2022
ފެނަކައިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ތަމްރީންތަކަކީ، އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް، ސުވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓަނަންސް، ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓަނަންސް ކޯހެވެ. މިއީ މުޅިންވެސް ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3ގެ ސެޓްފިކެޓް ކޯސްތަކެވެ. ތަމްރީންތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް"ތަކާއި އެއްގޮތަށެވެ.
ނެޝަނަލް އެޕެރަންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާޙައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބަކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ހުޅުވާލުމަށް ހިންގާ ޕްރޮގްރާމެކެވެ. އަދި ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށްދިއުމަށް އެޅޭ ބިންގަލެކެވެ. އަދި އާމްދަނީ ލިބޭނެ މަގުފަހިވެ، ޤައުމުގެ އާއްމު ޙާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
ފެނަކައާއެކު އެއްބަސްވެފައިވަނީ މި ޕްރޮގްރާމް 2 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށެވެ.
ފެނަކައަކީ ރާއްޖޭގެ ބޮޑު އާބާދީއަކަށް ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިވެސްމެއެވެ.