މިސަރައްހަދުގެ ވޮލީގައި ރާއްޖޭއިން ކުރިއެރުންތައް ހޯދަން ބޭނުންވާކަމަށް ވާނަމަ، ޒުވާން ކުޅުންތެރިންގެ އިތުރުން 6 ފޫޓް ހުންނަ ކުޅުންތެރިން ހޯދަންޖެހޭކަމަށް ތަޖްރިބާކާރު ކޯޗް މުޙައްމަދު ސާޖިދު ބުނެފިއެވެ. ގައުމީ ވޮލީ ޓީމު ވަނީ ފާއިތުވެގެންދިޔަ ދުވަސްތަކުގައި އެކުވެރިކަމުގެ ގިނަ މެޗްތަކެއް ކުޅެފައެވެ.
ގައުމީ ވޮލީޓީމް ވަނީ މިދިޔަ އަހަރު އެކުވެރިކަމުގެ 6 މެޗް ކުޅެފައެވެ. ފުރަތަމަ ތިން މެޗް ކުޅެފައިވަނީ ސްރީލަންކާގެ ގައުމީ ވޮލީ ޓީމާއި ދެކޮޅަށެވެ. އަދި ފަހު ތިން މެޗް ކުޅެފައި ވަނީ އިންޑިޔާގެ ހައިދަރު އާބާދު ސްޕަރއިކާސްއާއި ދެކޮޅަށެވެ. އަދި މިތިޔަ ހަފްތާގައި ގައުމީ ވޮލީ ޓީމް ވަނީ ބަންގްލަދޭޝްގެ ވޮލީ ޓީމާއި ދެކޮޅަށްވެސް އެކުވެރިކަމުގެ ތިން މެޗް ކުޅެފައެވެ. ރާއްޖެއިން ވަނީ 6 އަހަރަށްފަހު ފުރަތަމަ ފަހަރަށް ބަންގްލަދޭޝް ބަލިކޮށްފައެވެ. މިމެޗްތަކުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ މިސަރައްހަދުގެ ޓީމްތަކުގެ ކުޅުންތެރިންގެ ދިގުކަމެވެ.
ރާއްޖެއިން އެކުވެރިކަމުގެ ތިން މެޗްއާއި މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯންވޮލީ މުބާރާތުގައިވެސް ރާއްޖޭގެ ވޮލީ ޓީމްއަށް އިރުޝާދު ދީފައިވަނީ ތަޖްރިބާކާރު ކޯޗް މުޙައްމަދު ސާޖިދުއެވެ. ކޯޗް ސާޖިދުބުނީ މިހާރު ވޮލީގައި މިސަރަހައްދުގެ ގައުމުތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށާއި އަދި ބައެއް ގައުމުތަކުން މަޑުމަޑުން ކުރިއެރުން ހޯދަމުންދާކަމަށެވެ. ރާއްޖެއިން މިސަރައްހަދުގެ ވޮލީގައި ފައިތިލަ ސާބިތުކުރަން ބޭނުންވާކަމަށްވާނަމަ، ޒުވާން ކުޅުންތެރިންނަށް އިސްކަންދީ، އަދި އިސްކޮޅުން ދިގު ކުޅުންތެރިންނަށްވެސް އިސްކަންދޭންޖެހޭކަމަށް ތަޖްރިބާކާރު ކޯޗު މުޙައްމަދު ސާޖިދު ބުންޏެވެ.
"މިހާރު މިސަރައްހަދުގެ ގައުމުތަކުން ވޮލީގައި ކުރިއެރުންތައް އެބަހޯދާ. އެންމެ ފަހުން ކުޅުނު ބަންގްލަދޭޝް ޓީމަށް ބަލާލާއިރުވެސް އެޓީމުގައި މިހާރު ގިނައީ ޒުވާން ކުޅުންތެރިން. ކުރިއެރުން ހޯދަން ބޭނުންވާނަމަ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ އިތުރުން، ދިގު ކުޅުންތެރިން ހޯދައިގެން އެކުޅުންތެރިން ތަމްރީން ކުރަންޖެހޭ. މިހާރު ވޮލީގެ ކުޅުމުގެ ގޮތްތަށް ބަދަލްވެ، އެޓޭކްގައި ދިގު ކުޅުންތެރިންގެ ބޭނުން ހިފާތަން މާބޮޑަށް ފެނިގެންދޭ. އެކަން މިސަރައްހަދުގެ ގައުމްތަކުން އެބަކުރޭ. ރާއްޖެއިންވެސް މިހާރު 3 މީޓަރު ހުންނަ ކުޅުންތެރިންނަށް އިސްކަންދީގެން އެކުޅުންތެރިން ހޯދާ، ވީހާވެސް ގިނަ ޒުވާން ކުޅުންތެރިންނަށް އިސްކަން ދިނުން ވަރަށް މުހިންމު." ތަޖްރިބާކާރު ކޯޗް ސާޖިދު ބުންޏެވެ.
މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަނުން މިހާރުދަނީ އެކްސްލެންސް ޕްރޮގްރާމްގެ ދަށުން ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދެމުންނެވެ. ގައުމީ ވޮލީ ޓީމުގައިވެސް މިހާރު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކޯޗު ސާޖިދު ވަނީ އެންމެ ފަހުން ގައުމީ ވޮލީ ޓީމް ކުޅުނު ސެންޓްރަލް ޒޯން ވޮލީ މުބާރާތާއި ގައުމީ ޓީމް ބަންގްލަދޭޝާއި ދެކޮޅަށް ކުޅުނު އެކުވެރި މެޗްތަކުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.