ޚަބަރު

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 159000އިން މައްޗަށް


ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު އެއްލައްކަ ފަންސާސް ނުވަހާހަށްވުރެ މައްޗަށް އަރައިފިއެވެ.

އެންމެ ފަހުން އެޗްޕީއޭއިން ޢާއްމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް ހާހަކަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 1030 މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. 716 މީހުން ވަނީ އަތޮޅުތަކުން ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 187 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 67 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 159061 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 15910 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 31 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1280 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 142849 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4451 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 289 މީހަކު ވަނީ ނިޔާވެފައެވެ.

ޖެނުއަރީމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މިހާރުގެ ޕީކްގައި އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން ބޭރުތެރޭގައި އުޅުމުގައި ގައިދުރުކަން އިސްކުރުމަށާއި މާސްކަށް ރައްކާތެރުވުމަކީ މުހިންމުކަމެކެވެ.